ޚަބަރު

ފަންނުވެރިންނަށް ޑިގްރީއާ ހަމައަށް ކިޔެވޭނެ ފުރުޞަތު ހޯދައިދެނީ


ތަފާތު އެކި ފަންނުތަކުން ދިވެހި ޒުވާނުންނަން ޑިގްރީ ފެންވަރަށް ކިޔެވޭނެ މާޙައުލެއް ތަނަވަސްކޮށްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީގެ ގުޅިގެން ކޯސްތަކެއް އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ.

ލިމްކޮކްވިންގް ޔުނިވަރސިޓީގައި ހިންގާ، ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ކޯސްތަކާއި، ފިލްމް ހެދުމާއި، ގްރެފިކް ޑިޒައިނިންއާއި، އެނިމޭޝަންގެ އިތުރުން ޕާފޯމިންގ އާރޓްސްގެ ދާއިރާއާ ގުޅުން ހުރި ކޯސްތައް ހިންގުމަށްޓަކައި ޕީއެސްއެމްއިން ވަނީ މާޗު މަހުގެ 3 ވަނަ ދުވަހު ލިމްކޮކްވިންގް ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިފަންނުތަކުން ޒުވާނުންނަށް ޑިގްރީ ފެންވަރުގައި ކިޔެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މިއީ މީޑިއާގެ ދާއިރާއިން ރާއްޖޭގައި މީހުން ބިނާކުރުމަށް ހުޅުވުނު އިތުރު ދޮރެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ފަހިވާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/15100595596677.jpg|

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ފަންނުވެރިންނާއި ތަފާތު ކަންކަމުގައި ޙަރަކާތްތެރިވާ އާޓިސްޓުންނަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަމުންދާގެންދަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއެކު، ފަންނުވެރިން ބިނާކުރުމަށް ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް (އެންސީއޭ) އިން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެގޮތުން ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، އޮލިމްޕިއަންސްގެ ހުނަރުވެރިކަން ރިވައިވްކޮށް ޒުވާނުންގެ އޮލިމްޕިއަންސެއް ކުރިއަށް އޮތްތަނުގައި ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރާއްޖޭގައި ލިމްކޮކްވިން ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިންނެވެ. މިއީ ޕީއެސްއެމްގެ މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އަކީ މީޑިއާގެ ދާއިރާއަށާއި ކްރިއޭޓިވް އިންޑަސްޓްރީއަށް މީހުން ބިނާކުރުމަށް ރަޖިސްޓްރީކޮށް 2015 ން ފެށިގެން ހިންގަމުން އަންނަ ޓްރޭނިންގ އިންސްޓިޓިއުޓެކެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގެ ކެންޕަސްތައް މެލޭޝީއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ. އެގޮތުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތަކުގައި އެ ޔުނިވަރސިޓީގެ 13 ކެމްޕަސް ހުރެއެވެ. އަދި އެ ޔުނިވަރސިޓީގައި 165 ޤައުމަކުން 30 ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދެއެވެ.