ކުޅިވަރު

ޗެތްރީ މާޒިޔާ ކޮޅަށް ޖެހި ގޯލަކީ އެންމެ ރީތި ގޯލުތަ؟


ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ކޮޅަށް އިންޑިޔާގެ ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ޖެހި ގޯލަކީ އޭއެފްސީ ކަޕުގެ އެންމެ ރީތި ހަތަރު ގޯލުގެ ތެރޭގައި ހިމަނައިފިއެވެ.

މީގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވާނީ ވޯޓު ލައިގެންނެވެ. މި ހަތަރު ގޯލަށް ވޯޓު ދިނުމަށް އޭއެފްސީން މިހާރު ވަނީ އެ ޖަމާއަތުގެ ފޭސްބުކް ޕޭޖާއި، ޓުވިޓާގައި ފުރުސަތު ހުޅުވާލަައިފައެވެ.

މެއި 31 ވަނަ ދުވަހު ބެންގަލޫރުގައި ކުޅުނު މެޗުގައި ޗެތުރީ މާޒިޔާ ކޮޅަށް ޖެހި މި ގޯލަކީ މުބާރާތުން މާޒިޔާ ކެޓި ގޯލުވެސްމެއެވެ. މެޗު އެއްވަރުކޮށްގެން ވެސް މުބާރާތުގެ ދެ ވަނަ ބުރަށް ދެވެން އޮތް މާޒިޔާ މުބާރާތާ ވަކިވީ މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ ކަނަށް ޗެތުރީ ފޮނުވާލި ބޯޅައިންނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގައި ޗެތުރީ ޖަހާފައިވަނީ އެންމެ ތިން ގޯލެވެ. މީގެ ތެރެއިން ދެ ގޯލު ޖަހާފައިވަނީ މާޒިޔާ ކޮޅަށެވެ. އޭނާގެ ގޯލާއެކު މުބާރާތުގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މެލޭޝިޔާގެ ޖޮހޯރުގެ ނަޒްމީ ފާއިޒް އާއި އިރާގުގެ އަލްޒަވްރާގެ މުހައްމަދު އަބުދުއްރަހީމާއި ފިލިޕީންސްގެ ސެރަސްގެ އިއަން ރަމްސޭއެވެ.