ޚަބަރު

އައިޔޫއެމްގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޢަރަބިބަސް ކިޔަވައިދޭ ޑިޕްލޮމާ ކޯސްތަކަކާއެކު އިސްލާމީ ޔުނިވަރސީޓީގެ 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޔުނިވަރސިޓީން ވަނީ ފަސް ދާއިރާއަކުން މުޅިންއަލަށް 17 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރޭގައި އަރަބި ބަހަށް ޚާއްސަ ފަސް ކޯހެއް ހިމެނެއެވެ. ޑިޕްލޮމާ ފެންވަރުގެ މިކޯސްތަކުގެ ތެރޭގައި ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ އަރަބިކް ލޭންގްއޭޖް ފޮރ ޑިޕްލޮމަސީއާ،  ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒްކޮށްގެން ހިންގާ އަރަބިކް ލޭންގުއޭޖް ފޮރ ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ކޯހާއި، ވިޔަފާރީގެ ދާއިރާއަށް ޚާއްސަކޮށްގެން އަރަބިކް ލޭންގްއޭޖް ފޮރ ބިޒްނަސް އެންޑް މާކެޓިންގ ކޯހަކާއި، އިސްލާމް މުދައްރިސުންނަށް ޚާއްސަކޮށްގެން އަރަބިކް ލޭންގްއޭޖް ފޮރ އިސްލާމިކް ސްޓަޑީސް  އަދި ނޫސްވެރިންނަށް ޚާއްސަކޮށްގެން ހިންގަން ފަށާ ޑިޕްލޮމާއިން އަރަބިކް ލޭންގްއޭޖް ފޮރ ޖާނަލިޒަމް ކޯސް ހިމެނެއެވެ.

އޯލެވެލް ގެ ތިންމާއްދާއިން ފާސްވެފައިވާ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް މިކޯސްތަކުގެ ފުރަތަމަ އަހަރު އަރަބިބަސް ކިޔަވައިދިނުމަށް ޚާއްސަކުރާއިރު، ދެވަނަ އަހަރު އެދާއިރާއަކަށް ޚާއްސަ ބައިތައް ކިޔަވައިދޭނެއެވެ. ފުރަތަމަ އަހަރު ނިމުމުން އެޑްވާސް ސެޓްފިކެޓެއް ދޭ މިކޯސްތަކުގައި ކިޔަވައިދެއްވާނީ ބޭރުގެ ތަޖުރިބާކާރު ލެކްޗަރަރ އިން ކަމަށް އައި.ޔޫ.އެމުން ބުނެއެވެ.

ތިންބަހުން ތަފާތު ދާއިރާތަކުގެ ކޯސްތައް ހިންގާ ޔުނިވަރސިޓީއަކަށް އައި.ޔޫ.އެމް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން، އެޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މަސައްކަތްކުރައްވަނީ ތަފާތު ދާއިރާތަކުން މުހިންމު އަދި ޒަމާނީ އުސޫލުތަކުގެ ތެރެއިން ކޯސްތައް ހިންގެވުމަށްކަމަށެވެ.

2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ޕީ.އެޗް.ޑީ ލެވަލްއިން ފެށިގެން ސެޓްފިކެޓް ލެވެލްގެ ޖުމްލަ ފަންސާސް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ޔުނިވަރސިޓީން ހުޅުވާލާފައިވާއިރު މިކޯސްތަކުގައި ބައިވެރިވުމަށް ޑިސެމްބަރު މަހުގެ ސާދަވަނަ ދުވަހާހަމައަށް ފޯމް ހުށަހެޅޭނެއެވެ.