ކުޅިވަރު

ގްރީންގެ ނަތީޖާތަކަށް މުސާރައިގެ އަސަރު


ގްރީން ސްޓްރީޓަށް ފަހަކަށް އައިސް ދިމާވަމުން އަންނަނީ މުސާރަ ނުދެވުމުގެ މައްސަލަ ކަމަށާއި، އެކަމާހެދި ކުޅުންތެރިން ތިބީ ކުޅޭހިތަކުން ނޫން ކަމަށް ކޯޗު ސޮބާހް މުހައްމަދު ބުނެފިއެވެ. 

ގދ. ތިނަދޫ އަތުން ރޭ 7-0 ން ބަލިވެ، ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ހަނިވި މެޗަށް ފަހު ސޮބާ ބުނީ މި ނަތީޖާއިން މުޅި ޓީމުގެ ހާލަތު އޮތް ގޮތް ކުޑަކުއްޖަކަށް ވެސް އެނގޭނެ ކަމަށެވެ. މާލޭ ލީގުގެ ޗެމްޕިއަންކަން ކަމަށް ވެސް ވާދަކުރި ޓީމުގެ ކޯޗު ބުނީ މުސާރަ ނުދެވި އެބަހުރި ކަމަށާއި، ނަމަވެސް އެއީ ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ނިއުރޭޑިއަންޓާއި، މާޒިޔާ ފިޔަވައި މިހާރު ވެސް ބަރާބަރަށް މުސާރަ ދެވޭ ކުލަބެއްނެތް ކަމަށާއި މިހެންވެ މުސާރަ ނުދެވެމަކީ ކުޅުންތެރިން މަސައްކަތް ކުރުން ހުއްޓާލަންޖެހޭ ސަބަބެއްނޫން ކަމަށްވެސް ޞޮބާ ބުންޏެވެ. ސޮބާ ބުނީ މިހާރު ފުޓްބޯޅަ ކުޅުންތެރިންގެ ވިސްނުން ވަރަށް ތަފާތު ކަމަށާއި، އެންމެ ފުރަތަމަ ބޭނުންވަނީ މުސާރަ ކަމަށެވެ. އަދި ޕްރެކްޓިހުގައި ނުދައްކާ ހިތްވަރެއް މެޗުގައި ފެނިގެން ނުދާނެ ކަމަށާއި، ޓީމުގެ ހާލަތު ބަދަލުކުރެވޭނީ ކުޅުންތެރިން ވެސް އެއްބާރުލައިގެން ކަމަށް ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ކޯޗު ބުންޏެވެ.

ސަރުކާރުން ކޮންމެ ޓީމަކަށް ފައިސާ ދެމުން އަންނައިރު މުސާރަ ނުދެވޭ ސަބަބަކީ ކޮބާތޯ އެހުމުން ކޯޗު ބުނީ އެސުވާލު އެންމެ ރަނގަޅުވާނީ މެނޭޖްމަންޓާ ކުރުން ކަމަށެވެ.

ރޭގެ މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އާއި ތިނަދޫއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ. ގްރީން 16 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތްއިރު، ތިނަދޫ ވަނީ 15 ޕޮއިންޓް ހަމަކޮށްފައެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެމެޗެވެ.