ކުޅިވަރު

ގަދަ ހަތަރެއްގެ ޔަޤީންކަން ބޮޑުވެއްޖެ - ސުޒޭން


އުރީދޫ ދިވެހި ޕްރެމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ގދ. ތިނަދޫގެ އިތުބާރު ވަރަށް ބޮޑުވެއްޖެކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ. 

ލީގުގައި ރޭ ރޭ ގްރީން ސްޓްރީޓްސް އަތުން 7-0 ން މޮޅުވި މެޗަށް ފަހު ސުޒޭން ބުނީ މެޗުގެ ނަތީޖާ މިހާބޮޑަށް ތަފާތުވީ ގްރީން ސްޓްރީޓްސް އަށް ވަރަށް ދަށްކޮށް ކުޅެވުނު ދުވަހަކާއި އޭނާގެ ޓީމު ރަނގަޅަށް ކުޅުނު މެޗަކަށްވުމުން ކަމަށެވެ. ނަމަވެސް ސުޒޭން ބުނީ މެޗު ފެށިއިރު މި ނަތީޖާ އަށް އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް ގްރީން ސްޓްރީޓްސް އޮތް ހާލަތުން ޗޭންޖިން ރޫމުގައި އެކަމަށް ޑިމާންޑް ކުރެވުނު ކަމަށެވެ. އޭނާ ބުނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުން ގަދަ ހަތަރަކަށް ވަނުމަށް ބޭނުންވާ ފައިދާ ގޯލުގެ މައްސަލަވެސް ހައްލު ކުރެވިއްޖެ ކަމަށާއި، ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްފިނަމަ ތިނަދޫ ގަދަ ހަތަރަކަށް އަރާނެކަމަށް އޭނާ ޔަޤީން ކުރާ ކަމަށެވެ.

ރޭގެ މެޗުން ގްރީން ސްޓްރީޓްސް ބަލިވުމުން ތިނަދޫއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ. ގްރީން 16 ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތްއިރު ތިނަދޫ ވަނީ 15 ޕޮއިންޓް ހަމަކޮށްފައެވެ. ލީގުގައި ތިނަދޫ އަށް ދެން އޮތީ ހަތް ވަނާގައިވާ މާޅޮހާއި ހަ ވަނާގައިވާ މިލަންދޫގެ މެޗެވެ. ގްރީން އަށް އޮތީ ދެ ވަނާގައިވާ ޓީސީ މެޗާއި ތިން ވަނާގައިވާ މާޒިޔާގެ މެޗެވެ.