ކުޅިވަރު

ތިނަދޫން ގްރީން ސްޓްރީޓް ކޮޅަށް 7 ލަނޑު!


ގްރީން ސްޓްރީޓް ކޮޅަށް ހަތް ލަނޑު ޖަހައިގެން މޮޅުވެ، ތިނަދޫ ފުޓްބޯޅަ ޓީމުން ގަދަ ހަތަރެއްގެ ފުރުޞަތު ވަރަށް ބޮޑުކޮށްފިއެވެ.

 ގަދަ ހަތަރެއްގެ ފަހު ޖާގައަށް ވާދަކުރަމުން އަންނަ ދެޓީމް ވާދަކުރި މެޗުގައި ތިނަދޫ ޓީމުން ވަނީ ގްރީން ސިއްސުވާލާ ފުރަތަމަ ތިރީސް ފަސް މިނިޓް ނިމުނުއިރުވެސް ހަތަރު ގޯލް ޖަހާފައެވެ. އޭގެ ތެރެއިން ތިން ގޯލް ޖަހާ ހެޓްރިކް ހެދީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަނަންޑޭޒް އަވިލާއެވެ. ދެވަނަ ހާފްގައި ކޯޗު އަލީ ސުޒޭން ވަނީ އޭނާ ބަދަލުވެސްކޮށްފައެވެ. ތިނަދޫން ފުރަތަމަ ލަނޑު ޖެހީ ފަނަރަ ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިޔާ އަންސަރު އިބްރާހީމްއެވެ.

 ދެވަނަ ހާފްގައި ތިނަދޫގެ ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ހައެއް ސުމަކަށް ބަދަލުކޮށްލީ އަހުމަދު ރިޒުވާންއެވެ. ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ އަލީ ހައިޝަމްއެވެ. ކޯޗު ސުޒޭން ވަނީ ރިޒޭވެސް ފަސްދޮޅަސް ހަތްވަނަ މިނިޓްގައި ބަދަލުކޮށްފައެވެ. މެޗަށް ނިކުއިން އިރު މައިނަސް ދެ ގޯލާއެކު އޮތް ތިނަދޫން ސީޒަންގައި ނެރުނު އެންމެ ރަނގަޅު ނަތީޖާއާއެކު އެޓީމް ވަނީ ފައިދާ ގޯލް ހޯދާ ގްރީން ސްޓްރީޓާ ޕޮއިންޓަކަށް ގާތްކޮށްފައެވެ. 

ކުރިއަށް ތިނަދޫއަށް ދެން އޮތީ މާޅޮހާއި ވާދަކުރަން ޖެހޭ މެޗާއި، މިލަންދޫއާ ވާދަކުރާ މެޗެވެ. މެޗުން ބަލިވި ނަމަވެސް އަމިއްލަ ބާރުގައި ގަދަ ހަތަރަކަށް ދިއުމުގެ ފުރުޞަތު ގްރީން ސްޓްރީޓަށް އަދި އެބައޮތެވެ. ނަމަވެސް އެޓީމަށް ބާކީ އޮތީ ލީގުގެ ދެވަނާގައި އޮތް ޓީސީ މެޗާއި، ތިންވަނާގައި އޮތް މާޒިޔާ މެޗެވެ. 

ރޭގެ ނަތީޖާއަކީ މިފަހަރުގެ ލީގުގައި ނިކުއިން އެންމެ ފަރަޤު ބޮޑު ނަތީޖާއެވެ. މެޗުގައި ފަރަޤު ބޮޑުކުަން މުޅިން ހުސް އިތުރު ފުރުޞަތުތައްވެސް ތިނަދޫއަށް ލިބުނެވެ.