ކުޅިވަރު

ފީކަޅާ ޕެނަލްޓީ ދެންޏާ، ހިތްވަރު އެލޭނެ - މޯހަން


ތިނެއް ސުމަކުން ކުޑަހުވަދޫ ބަލިކޮށް، ލީގު ތާވަލްގެ އެއްވަނާގައި ނިއުރޭޑިއަންޓަށް ލިބިފައި އޮތް ލީޑް އަނބުރާ ހޯދައިފިއެވެ. 

މާޅޮސް ބަލިކޮށް، ޓީސީ ޕޮއިންޓަކަށް ލީޑް ހަނިކޮށްފައިވަނިކޮށް ނިއުރޭޑިއަންޓުން އަލުން އެލީޑް ހަތަރު ޕޮއިންޓަށް ފުޅާކޮށް، ލީގުގެ ފުރުޞަތު ބޮޑު ކުރީ ދެވަނަ ހާފްގައި ކުޑަހުވަދޫ ކޮޅަށް ޖެހި ތިން ލަނޑުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ނިއުރޭޑިއަންޓުން ޖެހީ އިބްރާހީމް ފަޒީލަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ގަލާޑޯއެވެ. ދެވަނަ ލަނޑު އަލީ ފާސިރު ކާމިޔާބުކުރީ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލި ބާރު ބޯޅައިންނެވެ. ގޯލްއޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތިންވަނަ ލަނޑު ޖެހީ ޑިފެންޑަރ މާކޮވިޗްއެވެ. 

މެޗުގެ ފުރަތަމަ ހާފްގައި ނިއުއަށް އުފެއްދުނީ ދެ ހަމަލާއެވެ. ފުރަތަމަ ހަމަލާ އިބްރާހީމް ފަޒީލް ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގަ ޖެހިފައެވެ. އޭގެ ފަހުން ގޯލް ރޮނގުމަތިންވެސް ކުޑަހުވަދޫ ކުޅުންތެރިން ބޯޅައެއް ސަލާމަތްކޮށް ކޯނަރަކަށް ބޭރުކޮށްލިއެވެ. ފުރަތަމަ ހާފްގައި ކުޑަހުވަދޫގެ ކުރިއަށް ކުޅުނު ހާލިގު ފޮނުވާލި ބާރު ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ ކީޕަރު އިމްރާން މުޙައްމަދެވެ. މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޫޒޮން ބުނީ ކުޅުން ރަނގަޅު ކަމަށާއި، ނަތީޖާވެސް ރަނގަޅުކަމަށެވެ. 

" ފުރަތަމަ ހާފް ވަރަށް ޓަފް. ވަރަށް އުނދަގޫކޮށް ދިޔައީ. ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން އެމީހުން ކުޅުނީ. ނަމަވެސް ދެވަނަ ހާފްގައި ރަނގަޅުކުރި. ނަތީޖާވެސް ރަނގަޅު. " ކޯޗު ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15098883922263.JPG|މެޗުގެ މޮޅު ކުޅުންތެރިޔާ ކަންޑޭލާ، މޮޅު ކުޅޫންތެރިޔާ ދިނީ އޭނާގެ ދަށް ދުވަހެއްގައި: ފޮޓޯ-ޕީއެސްއެެމް

ކުޑަހުވަދޫގެ ކޯޗު މުޙައްމަދު ޝިޔާޒު، މޯހަން ބުނީ ކުޅުންތެރިން ކިތަންމެ ހިތްވަރު ކުރިއަށް ފީކަޅާ ޕެނަލްޓީ ދިނުމުން ހިތްވަރު އެލޭނެކަމަށެވެ. ހިތްވަރު ކުރިނަމަވެސް އެކަހަލަ ކަންކަން ވާނަމަ މޯޓިވޭޝަން ގެއްލޭނެ ކަމަށާއި، އެއީ ފައުލެއް ނަމަވެސް އެފައުލް ކޮށްފައިވަނީ އޭރިޔާގެ ބޭރުންކަމަށެވެ. މޯހަން ބުނީ މިހާރު އެޓީމްގެ އަމާޒަކީ ބާކީ އޮތް ދެމެޗުގެ ތެރެއިން އެއް މެޗުން ނަމަވެސް މޮޅުވެ، ތިން ޕޮއިންޓް ހޯދުންކަމަށެވެ.

" ވަރަށް ރަނގަޅަށް ކުޅުނު، ވަރަށް އޮގަނައިޒްޑް، ވަރަށް ޑިސިޕްލިން. އެކަމަކު ކިތަންމެ ހިތްވަރު ކުރިޔަސް އެކަހަލަ ފީކަޅާ ޕެނަލްޓީ ދެންޏާ ހިތްވަރު އެލޭނެ، މޯރަލީ ދަށްވާނެ ހަމަ. ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން ނަމަވެސް މޮޅުވެ، ތިން ޕޮއިންޓް ހޯދުން އަމާޒަކީ. ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. " މޯހަން ބުންޏެވެ.