ޚަބަރު

ޕެންޝަން އޮފީހުން އިސްރަށްވެހިންނަަށް ޚާއްޞަ ހަރަކާތެއް


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން އިސްރަށްހެހިންނާއި ބައްދަލުކުރުމުމުގެ ޚާއްޞަ ހަރަކާތެއް އައްޑޫ ސިޓީގައި ކުރިއަށްގެންގޮސްފިއެވެ.

އައްޑޫސިޓީގެ އިސްރަށްވެހިންނާއި އެކު ޕެންޝަން އޮފީސް" މި ނަމުގައި އިކުއޭޓަރ ވިލެޖުގައި ބޭއްވި މި ޙަރަކާތަކީ އިސްރަށްވެހިން، އެއްތަނަކަށްގެނެސް، އެބޭފުޅުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި، ވާހަކަދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެއެވެ.

އައްޑޫސިޓީއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ އިސްރަށްވެހިން މި ޙަރަކާތުގައި ބައިވެރިވިއިރު މިހަރަކާތުގެ ސަބަބުން ޕެންޝަން އޮފީހުގެ މަސައްކަތް އިސްރަށްވެހިން ބަލައިގަނެ، އިތުރަށް މަޢުލޫމަތު އޮޅުންފިލުވުމަށް ބޭނުންވެފައިތިބިކަން ހާމަވެގެންދިޔަކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މި ޙަރަކާތާއި ގުޅޭގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ ޕެންޝަން އޮފީހަކީ އިސްރަށްވެހިންނާއި ވަރަށްބޮޑަށް ގުޅުން ޤާއިމްވެފައި އޮންނަ އޮފީހެއްކަމުން، ޕެންޝަން ސްކީމުގެދަށުން ފައިސާ ފޯރުކޮށްދިނުމުގެ އިތުރުން އެފަރާތްތަކަށް ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ.

މި ޙަރަކާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި، އިސްރަށްވެހިންގެ ޖަމުޢިއްޔާ އާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ކައުންސިލުގެ ބޭފުޅުން ބައިވެރިވެ، އިސްރަށްވެހިންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މިބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން އެބޭފުޅުންގެ ޚިޔާލު ހިއްސާކުރެއްވިއެވެ.

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގެ ދަށުން ޤަވާޢިދުން ޕެންޝަން ލިބެމުންދާ 1000 އަށްވުރެ ގިނަ ރިޓަޔަރީން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އަދި ޕެންޝަން އޮފީސްމެދުވެރިކޮށް ދައުލަތުގެ ޕެންޝަނާއި ތަފާތު އެލަވެންސް ސަރުކާރުން ފޮރުކޮށްދެއްވާ ސަތާރަހާހަށްވުރެ ގިނަ އިސްރަށްވެހިން އެބަތިބިކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ.