ކުޅިވަރު

ޤައުމީ ބީޗް ވޮލީމުބާރާތް ކުޑަކާއްޓޭއާއި އައްކަޅޭ ކާމިޔާބުކޮށްފި


ޤައުމީ ބީޗް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އިސްމާއިލް ސާޖިދުއާއި އަޝްފާގު އާދަމް ހޯދައިފިއެވެ. 

މުބާރާތުގެ ޗެންޕިއަންކަން ސާޖިދުއާއި އަޝްފާގުގެ ޕެއަރ ކާމިޔާބުކުރީ އަހުމަދު އަނިލް ނަސީރުއާއި އަދުނާން އަބުދުލްވާހިދުގެ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ދެވަނަ ސެޓްގެ ވަކި ހިސާބަކުން ޕޮއިންޓަކާ މެދު ސުވާލު އުފައްދާ އަނިލްއާއި އަދުނާނުގެ ޕެއަރ ވަނީ މެޗު ފުރިހަމަ ނުކޮށް ފައިބާފައެވެ. ނަމަވެސް މެޗަށްފަހު ދެ ކުޅުންތެރިންވެސް ރަނަރަޕް ޓްރޮފީއާ ހަވާލުވިއެވެ.

މުބާރާތް ކާމިޔާބުކުރުމަށްފަހު ސާޖިދު ބުނީ މުބާރާތަށް އެންމެ އެކަށީގެންވާގޮތަށް ތައްޔާރު ނުވެވުނަސް މުބާރާތުގެ ޗެންޕިއަންކަން ލިބުމުން ހިތްހަމަޖެހޭކަމަށެވެ. އަދި މުބާރާތް ކާމިޔާބު ކުރެވުނީ ރަނގަޅު ވާދެވެރި މެޗުތަކެއް ކުޅެގެން ކަމަށެވެ. ނަމަވެސް މުބާރާތުގައި އެންމެ ބޭނުންވި ފެންވަރަށް ނުކުޅެވުނުކަން ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ފާހަގަކުރިއެވެ.

" އެހާ ހިތްހަމައެއް ނުޖެހޭ މުބާރާތުގައި ދެއްކުނު ކުޅުމާ ދޭތެރޭ. މުބާރާތަށް ތައްޔާރުވާން އެހާ ގިނަ ވަގުތެއް ނުލިބޭ. ޗެންޕިއަންކަން ލިބުމުން ހިތްހަމަޖެހޭ" ކުޑަކާއްޓޭ ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15097174314412.JPG|ފައިނަލްގައި ވާދަކުރި ދެ ޕެއަރ: ފޮޓޯ-ޕީއެސްއެމް

މުބާރާތުގެ ފިރިހެންޑިވިޝަންގައި މިއަހަރުވަނީ ތޭރަ ޓީމެއް ވާދަކޮއްފައެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހައްވާ ރާޝިދާއާއި ފާޠިމަތު ޒީނިޔާގެ ޕެއަރއެވެ.