ޚަބަރު

ނަސްރުގެ ދުވަސް - އިޚްލާސްތެރިކަމުގެ ނަމޫނާއެއް ފެނުނު ދުވަހެއް


ފަހުގެ ތާރީޚެއްގައި ދިވެހިންގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކުރިމަތިވެގެން ދިޔައީ ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހުއެވެ. 

ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޮޓް"ގެ ހަނގުރާމަވެރި ސިފައިން ކުއްލިއަކަށް މާލެ އަރައިގަތުމުން ދިވެހި ސިފައިން 18 ގަޑިއިރު ބާޣީންނާ ހަނގުރާމަކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެ ފަތިހު ޕްލޮޓް ޖަމާޢަތުގެ ޢުދުވާނީ ޙަމަލާތަކާ ދިވެހި ސިފައިން ކުރިމަތިލާންޖެހުނީ ކުށްލިއަކަށެވެ. އެފަދަ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ސިފައިންނަށް ކުރިން ލިބިފައެއްނުވެއެވެ. 

ނަސްރުގެ ދުވަހުގެ ފަތްފުއްތައް ހުޅުވައި ބަލާލުމުން، ދިވެހި ސިފައިންގެ ހިއްވަރާއި، އެނުރައްކާތެރި ދަނޑިވަޅުގައި ދިވެހި ޤައުމުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާވެގެންދެއެވެ.

ޚާއިނުންނާއި، ދިވެހި ޤައުމީ ދިފާޢީބާރާ ދެމެމެދު ހިނގަމުންދިޔަ ޙަމަލާބަދަލުކުރުންތަކުގެ އަޑު މުޅިމާލެއަށް ފެތުރިގެންދިޔައެވެ. އިސާހިތަކު މާލޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް މިކަމުގެ ޚަބަރު ލިބިގެންދިޔައެވެ. މުވާސަލާތީ ގޮތުން އެހާ ކުރިއަރާފައިވާ ޒަމާނެއް ނޫންކަމުން، ރާއްޖޭގެ ޚަބަރުތައް ހޯދުމަށް ދިވެހިން ބޭނުންކުރަމުންދިޔަ މައި ވަސީލަތަކީ ރޭޑިއޯއެވެ. ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މެދުކެނޑުމާއެކު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކަމެއް ގޯސްވެގެން އުޅޭކަމުގެ އިހްސާސް ކުރުވިއެވެ. އަދި މާލޭގެ ޚަބަރު ހޯދުމަށްޓަކައި ބޭރުގެ އެކި ރޭޑިއޯ ޗެނަލްތަކަށް ޓިއުންކުރުމަށް ކުރި މަސައްކައްކަތުން އިންޑިއާގެ އެކި ޗެނަލްތަކާއި، އިނގިރޭސި ޗެނަލްތަކުގެ އެހީގައި ލިބުނު ޚަބަރުތަކުން ވެރިރަށް މާލެއަށް ބާޣީންގެ އަރައިގެން އުޅޭކަމުގެ ޚަބަރު އަތޮޅުތެރޭގައި ދިރިއުޅުނު ރައްޔިތުންނަށްވެސް އިވިގެންދިޔަ. ބައެއް ރަށްރަށަށް މި ޚަބަރު ފޯރުކޮށްދީފައިވަނީ ވޯކީ ޓޯކީ މެދުވެރިކޮށެވެ.

ބިރުވެރިކަމާއި ނަމާންކަން ވެރިވެގެންދިޔަ މި ޚަބަރާއެކު، ދިވެހިންގެ ކުދިބޮޑު އެންމެން އަވަސްވެގަތީ މިސްކިތްތަކަށް އަރައި ދުޢާކުރުމަށެވެ. މާލެއާއި ރާއްޖޭގެ ރައްތައް ތަކްބީރުގެ އަޑުން ގުގުމާލިއެވެ. ދިވެހިން ދުޢާކުރަމުންދިޔައީ، ބާޣީންގެ އަތުން ދިވެހިންނަށް ނަސްރު ދެއްވުންއެދިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކޮށްދެއްވުންއެދިއެވެ. ދިވެހިންގެ އިސްލާމީ ވަޙްދަތު ހިމާޔަތްކޮށްދެއްވުންއެދިއެވެ.

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ. ރާއްޖޭގައި ބާޣީ ވެރިކަމެއް ޤާއިމުކުރުމަށް ފުރިހަމައަށް ތައްޔާރުވެ، ހަތިޔާރާއެކު އައިސް ކުށްލިއަކަށް ޙަމަލާދިނުމުންވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ވަނީ ބާޣީންގެ އަތްދަށުން ނަސްރު ލިބިފައެވެ.

ރާއްޖެއަކީ އަސްކަރީގޮތުން ވަރުގަދަ ޤައުމަކަށް ނުވެފައި، އެފަދަ ޙަމަލާއަކަށް ދިވެހި އަސްކަރިއްޔާއިން ތައްޔާރުވާނެ ވަގުތުވެސް ނުލިބި ކުށްލިއަކަށް ދިން މިޙަމަލާއިން ދިވެހިންނަށް ލިބިގެންދިޔަ ނަސްރަކީ ޙަޤީޤަތުގައިވެސް އަޖާއިބު ކުރަނިވި ކަމެކެވެ.

ދިވެހި ސިފައިންގެ ކުރިމަތީގައި ބާޣީން ބަލިކަށިވެ، ދިވެހި އަސްކަރިއްޔާގެ މައި ޢިމާރާތުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވަނީ ދިވެހި އަސްކަރިއްޔާގެ ހިކުމަތްތެރިކަމާއި، ދިވެހި ޤައުމަށްޓަކައި ޝަހީދުވި ދިވެހި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީގެ މަތިވެރިކަމުގެ ސަބަބުންނެވެ. ބާޣީންގެ ނުބައި މަކަރުވެރި ރޭވުންތަކުގެ މަދު މިންވަރެއްވެސް ޙާސިލް ނުކުރެވި، ރާއްޖޭގެ ޤާނޫނީ ވެރިކަމަށް ލޮޅުމެއް ނައިސް، ޙަމަލާތައް ނާކާމިޔާބު ވެގެންދިޔައީ ދިވެހި ހުރިހާ ރައްޔިތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ވަޙްދަތު ޙިމާޔަތްކޮށްދެއްވުން އެދި ކުރަމުންދިޔަ، އިޚްލާސްތެރި ދުޢާގެ ސަބަބުންނެވެ.

ޤައުމާއި، އިސްލާމްދީނާމެދު ދިވެހިންގެ މެދުގައި އޮންނަ އިޚްލާސްތެރިކަން މިފަދަ ކޮންމެ ހާދިސާއަކުންވެސް އެނގި ހާމަވެގެންދެއެވެ. ދިވެހިން މި ބިރުވެރި ދަނޑިވަޅުގައިވެސް ރައްކާތެރިކަމަށް އެދުނީ މާތްﷲ ގެ ހަޟުރަތުންނެވެ. ދިވެހިންނަށް ލިބުނު ނަޞްރަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ. މިއީ ހުރިހާ ދިވެހިން އެއްވަރަކަށް ހިއްޞާވާ ކާމިޔާބީއެކެވެ.