ޚަބަރު

ނަސްރުގެ ދުވަސް - ޚާއިނުންގެ މައްޗަށް ނަސްރު ލިބުނު ދުވަސް


ޤުދުރަތީ ރީތިކަމާއި އަމާންކަމުގެ ލާމަސީލު މިކުޑަ ކުޑަ ދިވެހިޤައުމަށް 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އިރު އުދަރެހުން އަރައިގެން އައީ ނުރައްކާތެރިކަމާއި ނާމާން ކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ.

މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ. ދިވެހިންގެ ހާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް އަރާ ނަވާރަ ދިވެހިން ޝަހީދުކޮށްލާ ކުށެއްނެތް ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލި ހިތާމަވެރި ދުވަހެވެ.

ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެ އެމައުސޫމު އަޚުންގެ ލޭގެ ކޯރުތައް ވެރިރަށް މާލޭގެ މަގުތަކުގައި ދެމިގެންދިޔައެވެ. ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުންނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

މިފަދަކަމެއް ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވެފައި ނުވުމާއި، އެއްވެސް އިޝާރަތެއްވެސް ނުދީ ބާޣީން ހަމަލަދޭން ފެށުމާއެކު ދިވެހި ސިފައިން ބަލާކަށް ނުތިބެ ޤައުމާއި ރައްޔިތުންގެ ދިފާއުގައި ރައްދުގައި ވަގުތުން ހަމަލާދޭން ފެށިއެވެ. ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ހިތްވަރާއެކު ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެނެވެ. ދުޝްމަނުންގެ ބަޑީގެ ވަޒަންތަކުން ބައެއް ދިވެހި ސިފައިން ޝަހީދުވަމުން ދިޔަނަމަވެސް، ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ދިވެހި ސިފައިން ދެމިތިއްބެވެ.  

ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަކުން ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ތިބި ނަމަވެސް ދިވެހި ސަރުކާރުން އަސްކަރީ އެހީއަށް އެދުނީ އަވައްޓެރި އިންޑިޔާ ސަރުކާރުގެ ކިބައިނެވެ. މިއާއެކު ދާދި އަވަހަށް އިންޑިޔާ ސަރުކާރުގެ އަސްކަރީ އެހީ ރާއްޖެއަށް ލިބުނެވެ. ލަންކާގެ ކުލީސިފައިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން ފެށިތާ 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ.

އޭރު ދިވެހި ސިފައިންގެ ބަދަހި ސަފުތަކުންވަނީ ބާޣީ ސިފައިން ފަހަތައްޖައްސާއި، ހަމަލާތައް ދިނުން މައިތިރިކުރުވާފައެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ "ޕްރޮގްރެސް ލައިޓް" ގައި ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެން ދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރަކުންނެވެ. ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ތިބި "ޕްރޮގްރެސް ލައިޓް" އިންޑިޔާ ސިފައިން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.  

މި އުދުވާނީ ހަމަލާގައި ޖުމުލަ ނަވާރަ ދިވެހިން ޝަހީދުކޮށްލައި، ސިފައިންގެ މަރުކަޒްތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް  ގެއްލުންތައްދީފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންނާއި މާލޭގެ ރައްޔިތުން ދެއްކި ހިތްވަރާއެކު، ރަށްރަށުގެ ރައްޔިތުން ކުރި ދުވާ އިޖާބަކުރައްވައި ޚާއިނުންގެ މައްޗަށް ދިވެހި ސިފައިންނާއި ދިވެހި އެންމެހާ ރައްޔިތުން ނަސްރު ލިބިގެން ދިޔައެވެ.  ދިވެހި ތާރީޚުގައިވެސް ބިރުވެރިކަމާއި އަނދިރިކަމާ ނާމާންކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ފަވާލާފައިވާ މިދުވަސް ދިވެހިންގެ ނަސްރުގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާ ސަރުކާރުން މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެނެވެ.