ޚަބަރު

ނަޞްރުގެދުވަހާ ގުޅޭގޮތުން ކުރަހާފައިވާ ފޮޓޯއެއް ހަދިޔާކޮށްފި


ރާއްޖޭގެ ފޮޓޯގްރަފީ ބްރޭންޑެއްކަމަށްވާ އެލީޒް ފޮޓޯގްރަފީގެ ފަރާތުން ކުރަހާފައިވާ ނަޞްރުގެ ދުވަހާ ގުޅޭ ފޮޓޯއެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ހަދިޔާކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮޓޯ ހަވާލުކޮށްދެއްވީ އެލީޒް ފޮޓޯގްރަފީގެ ފަރާތުން ޢަލީ މުޙައްމަދުއެވެ. މި ފޮޓޯއާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއެވެ. 

ނަސްރުގެ ދުވަހުގެ ހަނދާންތައް ރަމްޒުކޮށްދޭ މި ފޮޓޯއިން ދޭހަކޮށްދެނީ އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންވި ޤުރުބާނީއެވެ. އަދި ސިފައިންގެ ހިތްވަރުގަދަކަމާއި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުކަމާއެކު ވަތަނުގެ ޙައްޤުގައި ހިތްވަރާއެކު ތެދުވެ، ދިވެހި ދިދަ އުފުލާލާފައިވާ މަންޒަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވަނީ ދިވެހި ޒުވާނުން ޤައުމީ ވިސްނުމުގައި ސާބިތުވެ ތިބުމަށާއި، ޢަދުއްވުންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެލީޒް ފޮޓޯގްރަފީގެ ފަރާތުން ހަދިޔާކުރި، ފޮޓޯއަކީ ދިވެހި ސިފައިން ޤައުމަށްޓަކައި ވަމުންދާ ޤުރުބާނީގެ އަގު އަމިއްލަ ފަރުދުން ފާހަގަކޮށް ޤައުމީ ލޯބީގައި ދިވެހި ޒުވާނުން ތިބިކަން ހާމަކޮށްދޭ ރަމްޒެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.