ޚަބަރު

ޝަހީދުންގެ ހަނދާނީ ބިނާގައި ދިދައާއި ގާޑް މައުންޓުކޮށްފި


ނޮވެމްބަރު ތިންވަނަ ދުވަހު ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން، ޝަހީދުންގެ ހަނދާނީ ބިނާގައި ދިދައާއި ގާޑް މައުންޓުކޮށްފިއެވެ.

1988 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ޢުދުވާނީ ހަމަލާއިން ނަސްރު ލިބުނު ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ތަފާތު ހަރަކާތްތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ގެންދަނީ ރާވައި ހިންގަމުންނެވެ. އެގޮތުން ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށީ، އޭރިއާ ހެޑްކުއޯޓާރޒްތަކުގައި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމާއި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުތަކުންނެވެ. މާލޭގައި ސިފައިން ޖަމާޢަތުގައި ފަތިސްނަމާދުކުރުން އޮތީ މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލް ޢައުޒަމް އިސްލާމީ މަރުކަޒުގައެވެ.

img:http://s1.psmnews.mv/images/660x400/15096863568672.jpg|ފަތިސް ނަމާދުގެ ޖަމާއަތުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވުން- ފޮޓޯ: ޕީއެސްއެމް

އެމްއެންޑީއެފުން ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވެއެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ދިދައާއި ގާޑް މައުންޓުކުރުމާއެކު ބަޑިޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ މަތީ ރޭންކްތަކުގެ ބޭފުޅުންނާއި، ނޮވެމްބަރު ތިނެއްގެ ހާދިސާގައި އަމަލީގޮތުންބައިވެރިވި ރިޓަޔަރ ކުރައްވާފައިވާ ސިފައިންނާއި، މާލޭގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ސިފައިންގެ ބޭކަލުން ބައިވެރިވިއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ޝަހީދުވި ޝަހީދުންގެ ޒިކްރާ އާކުރުމުގެ ގޮތުން، ބޭއްވި މި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ.

img:http://s2.psmnews.mv/images/660x400/15096863837613.jpg|ޝަހީދުންގެ ހަނދާނީ ބިނާގައި ދިދައާއި ގާޑް މައުންޓުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ މިއަދު ހަވީރު ފަހެއްޖަހާއިރު، "ޝަހީދުންގެ ހަނދާނީ ބިނާ" ސަރަޙައްދުގައި ކުރިއަށްގެންދާނެކަމަށް އެމް.އެމް.އެން.ޑީ.އެފުން ބުނެއެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ ޚާއްޞަ ޖަލްސާ، ބޭއްވުމަށް ހަމަޖެހިފައިވަނި މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެވެސް އެއްރަށެއްގައި ބާއްވާ ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު މިމަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު، އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ސ.އަތޮޅު މަދަރުސާގެ ހޯލުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާނެކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ.