ކުޅިވަރު

އަގުއެރޯ އަށް ރެކޯޑެއް، ސިޓީ ބޭނުމީ އެއްވަނަ


އިޓަލީގެ ނަޕޯލީ އަތުން 4-2 ން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ސާޖިއޯ އަގުއެރޯ އެކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދައިފިއެވެ.

މި މެޗުގައި އޭނާ ޖެހި ގޯލަކީ ސިޓީ އަށް ޖަހައިދިން 178 ވަނަ ގޯލެވެ. މީގެ ކުރިން ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިފައިވަނީ 177 ގޯލު ޖެހި އެރިކް ބްރޫކްއެވެ.

އަގުއެރޯ ރެކޯޑް ހެދުމުން ކޯޗު ޕެޕް ގާޑިއޯލާ ބުނީ އިޓަލީގެ ފަސްގަނޑަކީ ކުޅުންތެރިއަކު ރެކޯޑް ހަދަން ވަރަށް ރަނގަޅު ތަނެއް ކަމަށެވެ. ފުޓްބޯޅައިގެ މުއްސަނދި ތާރީޚެއް އިޓަލީގައި އެބައޮތް ކަމަށާއި، އަގުއެރޯ އަށް ލިބުނު ރެކޯޑާމެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ.

ރޭގެ މެޗުގައި ސިޓީ އަށް ދެން ލަނޑު ޖަހައިނީ ނިކޮލަސް އޮޓެމެންޑީ އާއި ޖޯން ސްޓޯންސް އަދި ރަހީމް ސްޓާލިންއެވެ. މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ސިޓީ ވަނީ ދަތުރުކޮށްފައެވެ. ގާޑިއޯލާ ބުނީ މިހާރު އަމާޒަކީ ގްރޫޕުގެ އެއްވަނަ ހޯދުން ކަމަށާއި، އެއަށްފަހު ޕްރެމިއަރ ލީގަށް ޓީމުގެ ސަމާލުކަން އަނބުރާލާނެ ކަމަށެވެ.

ޖުމުލަ 12 ޕޮއިންޓާއެކު ސިޓީ އެއްވަނާގައި އޮތްއިރު، ދެ ވަނާގައިވަނީ ޝަކްޓާ ޑޮނެޓްސްޓްއެވެ. އެ ޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މުބަރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެ މެޗެވެ.