ވިޔަފާރި

ދިރާގުން ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތަޢާރަފްކޮށްފި


ދިރާގުން ޕޯސްޓްޕެއިޑް އިންޓަނެޓްގެ އާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ. 

މިކަމަށްޓަކާ އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނިން ވަނީ 4 ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އެއީ 2 ޖީބީ، 5 ޖީބީ، 10 ޖީބީ އަދި 20 ޖީބީގެ ޕެކޭޖްތަކެކެވެ. މީގެތެރޭގައި ހިމެނޭ 2 ޖީބީގެ ޕެކޭޖެއް ލިބެނީ 350 ރުފިޔާއަށެވެ. 5 ޖީބީ 550 ރުފިޔާއަށް ލިބޭއިރު 10 ޖީބީގެ ޕެކޭޖެއް ލިބެނީ 750 ރުފިޔާއަށެވެ. އަދި 20 ޖީބީއަށް 1000 ރުފިޔާ ޗާޖްކުރެއެވެ. 

މި ޕެކޭޖްތަކުގެ ދަށުން ކޮންމެ ނެޓުވޯކަކަށްވެސް ހިލޭ އަންލިމިޓެޑް އެސް.އެމް.އެސް ފޮނުވޭއިރު ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭނެއެވެ. އަދި އެހެން ނެޓްވޯކްތަކަށް ގުޅުމަށް 300 މިނެޓު މި ޕެކޭޖުތަކުގެ ދަށުން ލިބޭނެއެވެ. އަދި މި ޕްކޭޖްތަކުން ރާއްޖެއިން ބޭރަށް ގުޅުމަށް ތިން ޤައުމެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭއިރު، އެ ޤައުމުތަކަށް ގުޅުމުގައި 50 އިންސައްތަ ޑިސްކައުންޓް ލިބެއެވެ. މީގެއިތުރުން އަލަށް ތަޢާރަފްކުރި މި ހަތަރު ޕެކޭޖުން ކޮންމެ ޕެކޭޖެއް އެކްޓިވޭޓް ކުރިކަމުގައި ވީނަމަވެސް، ވަޓްސްއަޕް، ވައިބަރ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕް ޗެޓް ތިން ޖީބީ ހަމަވަންދެން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި މި ޕެކޭޖްތަކުގެ ދަށުން މޯބައިލް ބޭންކިންގ ގެ ޚިދުމަތާއި ފްލައިޓް ޝެޑިއުލް އަދި ނަމާދު ގަޑިތައް ބަލާލެވޭ އެޕްލިކޭޝަންވެސް ހިލޭ ބޭނުންކުރެވޭނެއެވެ.

ޕެކޭޖުތައް އެކްޓިވޭޓް ކުރުމަށްފަހު ލިބޭ ޑޭޓާ އެލަވެންސް ހުސްވުމުން އިންޓަރނެޓްގެ ޚިދުމަތް ލަސްވިނަމަވެސް ފޯން ބިލަށް އިތުރެއް ނުވާނެއެވެ. އަދި ކުރީގެ ސްޕީޑުގައި ކަނެކްޝަން ބޭނުންވާނަމަ، އިތުރު ޗާޖަކާއެކު ޑޭޓާ އެޑްއޮން ނުވަތަ ޑޭޓަރ ބޫސްޓަރ ބޭނުންކުރެވޭނެއެވެ.  

ދިރާގުން ރޭ ތަޢާރަފްކުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް ބޭނުންކުރާއިރު، ކަނޑައެޅިފައިވާ ލިމިޓް ހަމަވުމުން ރީލޯޑުކޮށްގެން ޕްރީޕެއިޑެއް ގޮތަށް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައިރު ގުރުއަތުން ހޮވުނު ފަސް ފަރާތަކަށް ވަނީ އެންމެ ފަހުގެ އައިފޯން އެއިޓްއާއި އެއިޓް ޕްލަސްގެ އިތުރުން ސެމްސަންގް އެސް އެއިޓް ފޯން ހަދިޔާކޮށްފައެވެ.