ޚަބަރު

މާއެނބޫދޫ ނަރުދަމާ ނިޒާމް ރަސްމީ އިފްތިތާޙުކޮށްފި


ދ.މާއެނބޫދޫގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މާއެނބޫދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާއެނބޫދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. 

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުވައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދ. މާއެނބޫދޫގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއާއެވެ. އެކުންފުންޏާއި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2014 ގައެވެ. މާއެނބޫދޫގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ދިވެހި ދައުލަތުގެ ބަޖެޓުން 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 2 ފަމްޕް ސްޓޭޝަން ބަހައްޓައި 6 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް މާއެނބޫދޫގައި ވަނީ ޤާއިމުކޮށްފައެވެ. އަދި ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 598 މީޓަރުގެ ދުރު ރާސްތާއަކަށް ސީ-އައުޓްފޯލް ހޮޅި ވަނީ އަޅާފައެވެ. 

img:http://s3.psmnews.mv/images/660x400/15095241573276.jpg|ރައީސް ޔާމީންއަށް މާއެނބޫދޫއިން މަރުޚަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫޢު ސަބަބުން މާއެނބޫދޫގެ 174 ގެއަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި މާއެނބޫދޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މިނިޒާމް ހިންގާ ބެލެހެއްޓުން 10 މެއި 2017 ފެށިގެން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަންއާއެވެ. 

ރައީސުލްޖުމްހޫރިއްޔާ މާއެނބޫދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.