ޚަބަރު

ކުޅުދުއްފުށީ އެއާރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި


ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ އެއާރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ކުޅީގެ ނުވަ ހެކްޓަރާއި މޫދުން ހަ ހެކްޓަރު ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ އެއާރޕޯޓުގެ މަސައްކަތުގެ ތެރެއިން އެރަށުގެ ހުޅަނގު އުތުރުފަރާތުން ކުޅި ހިމެނޭ ސަރަޙައްދުގެ ބަންޑުވޯލް ޖެހުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. ބަންޑުވޯލަކީ މަސައްކަތް ކުރުމަށް ބޭނުންކުރާ އެއްގަމު އުޅަނދުތަކަށް ފަސޭހަވާނެ ގޮތަށް މޫދުގައި ހަދާ ވެލި ބެޑެކެވެ. ޖުމްލަ ފަސް ހެކްޓަރު ހިމެނޭ މި ބަންޑުވޯލްޖެހުމަށް ތިންދުވަސް ހޭދަވިކަމަށް އެމްޓީސީސީން ބުނެއެވެ.

ކުޅުދުއްފުށީ އެއާރޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ޑްރެޖިންގ އެންޑް ސްޕެޝަލް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަޢީދު ވިދާޅުވީ، ބަންޑުވޯލް ޖެހުމުގެ ފުރަތަމަ މަރުޙަލާ ނިންމައި، ދެވަނަ ސަރަޙައްދުގެ ބަންޑުވޯލް ކުރިއަށް އޮތް ދެތިންދުވަސް ތެރޭގައި ފަށާނެކަމަށެވެ. އަދި އެ ސަރަޙައްދުން ދޮޅު ހެކްޓަރު ބަންޑުވޯލް ޖެހުމަށްޓަކައި ބިން ހިއްކަން ހަމަޖެހިފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މޫދޫގައި ބަންޑުވޯލް ޖެހުމުގެ އިތުރުން ކުޅިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުން ކުޅި ތެރެއިންވެސް ބަންޑުވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް އެއްކޮށް ނިންމައި ކުޅީގެ ތެރެއިން ކިސަޑު ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އެއާރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެއާރޕޯޓު ހެދުމަށް އެމްޓީސީސީން ގެނެސްފައިވާ މަހާ ޖައްރާފުގެ ކެލިބްރޭޝަން ޓެސްޓުތައްވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ.

ޖެނުއަރީމަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި ނުވަދިހަ ދޭއް ޕޮއިންޓް ނުވައެއް ފަހެއް މީޓަރު އަދި ފުޅާމީނުގައި ސޯޅަ ޕޮއިންޓް ތިނެއް ސުމެއް މީޓަރު ހުރެއެވެ.