ޚަބަރު

ރައީސް ޔާމީން، ދާލު އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި


ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ "ދާލު އެއަރޕޯޓު" ރަސްމީކޮށް ހުޅުވައިފިއެވެ. 

ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާލު އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. 

ދާލު އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއަރޕޯޓާއެކު ދ އަތޮޅު ހިމެނޭ ސަރަޙައްދަށް ތަރައްޤީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންގޮސް، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އެސަރަޙައްދަށް ކުރިއެރުންތަކެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން އެއަރޕޯޓުގެ މަސައްކަތާއެކު ކުޑަހުވަދޫގެ ބިން ބޮޑުވެ، ގެދޮރުގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުން ދ އަތޮޅާއި ކުޑަހުވަދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ، މިދައުރު ނިމޭއިރު ދައުލަތުގެ ބަޖެޓުން ކުޑަހުވަދޫއަށް އެކަނިވެސް 300 މިލިއަން ރުފިޔާގެ ޙަރަދުވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫގައި ސަރުކާރުން ތަރައްޤީކުރައްވާފައިވާ އެއަރޕޯޓަކީ ރާއްޖޭގައި މިހާތަނަށް ޖާގައިގެ ގޮތުން ބަލާނަމަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. ކުޑަހުވަދޫ އެއަރޕޯޓުގެ މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު، މި އެއަރޕޯޓް ތަރައްޤީކޮށްފައި ވަނީ އެރަށުގެ ފަޅުން ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކައިގެނެވެ.

1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއަކާއެކުއެވެ.