ކުޅިވަރު

މިއީ ފިލާވަޅެއް، ކުޅުންތެރިން ކުރިއެރުން ހޯދާނެ - ސާންތި


ލާންކާ އަތުން އެއްވަރުވިޔަސް، އެއީ 19 އަހަރުން ދަށުގެ ޤައުމީ ޓީމާ ހަވާލުވިފަހުން ކުޅުނު އެންމެ ރަނގަޅު އެއް މެޗުކަމަށް ޓީމްގެ ކޯޗް އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ. 

އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރި މެޗު ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ. ސާންތި ބުނީ އޭނާ ޓީމާ ހަވާލުވިފަހުން ކުޅުނު ބައިނަލްއަޤްވާމީ ފަސްވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. މެޗުން އެއްވަރު ވީނަމަވެސް ރާއްޖެއަށް ލިބުނު ފުރުސަތުތަކާއި، ކުޅުންތެރިން ތަނަވަސްކުރި ފުރުސަތުތަކަށް ބަލާއިރު، މިމެޗަކީ ރާއްޖެއަށް ތިން ޕޮއިންޓް ހައްޤު މެޗެއްކަމަށް ސާންތި ޤަބޫލުކުރެއެވެ.

 މިމެޗަކީ ޅަ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށާއި، ކޮންމެ ދުވަހަކު މާގިނަ ފުރުސަތުތަކެއް މެޗެއްގެ ތެރޭގައި ނުލިބޭނެކަން ކުޅުންތެރިން ދަސްކުރަންވެސް ޖެހޭކަން ސާންތި ފާހަގަކުރިއެވެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭނަމަ، ނަތީޖާއަށް އަންނަ ބަދަލުވެސް ކުޅުންތެރިން ދަސްކުރަންޖެހޭކަމަށް ސާންތި ބުންޏެވެ.

"މިޓީމަކީ އަޅުގަނޑުމެން ދިގު މުއްދަތަކަށް ބާއްވާ ޓީމެއްވީމަ، މިހުރިހާ ކަންތައްތަކެއް މިކުދިން މިދަސްކުރަނީ މެޗުގެ ތެރޭގައި. މިހާރު ކުދިންނަށް އިނގޭނެ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފިއްޖެނަމަ، މެޗުގައި ވާގޮތްތައް. މީހަމަ ތަޖުރިބާ، އިދާރަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި އަޅުގަނޑުމެން ކުރިއަށް ކުޅޭ ކުޅުންތެރިން، މިލިބޭ މަދު ފުރުސަތުގެ ބޭނުންހިފާ ގޯލް ޖަހާތަން ފެންނާނެ." މެޗަށްފަހު ތަޖަކިސްތާންގައި ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަދައްކަމުން ސާންތި ބުންޏެވެ.

މެޗްގައި މޮޅު ކުޅުމެއްދެއްކި އަބްދުﷲ ޔަމީން ބުނީ މިއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއްކަމަށެވެ. ކޮންމެ ކުޅުންތެރިއަކުވެސް ހުރީ މެޗުން މޮޅުވާން ބޭނުންވެފައިކަމަށާއި، ނަމަވެސް ބައެއް ފަހަރު ކުޅުންތެރިންނަށް ފަސޭހަކޮށްލެވޭނީކަމަށެވެ. ލަންކާއަށް ވުރެ ރާއްޖެއިން މޮޅަށް ކުޅުނުކަމަށާއި، ރާއްޖޭގެ ޓީމްގެ ހުރިހާވެސް މައްސަލައަކީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށް ނުލެވުންކަމަށް ޔާމީން ބުންޏެވެ.

"ކުޅެވުނުގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ. ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރާއްޖެގެ ޓީމުން. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ، އެހެންވެ ކޮޅަށް ގޯލެއް ވަދެގެން މެޗު އެއްވަރުވީ. އިތުރު ގޯލުތަކެއް ޖެހިދާނެކަމުގެ ޔަޤީންކަން އޮތް ވަރަށް ބޮޑަށް. ނަމަވެސް ދޭތެރެއަކުން މާބޮޑަށް އީޒީކޮށްލެވެނީ، އަދި ގޯލް ޖަހަން ލިބޭ މަދު ފުރުސަތުތައްވެސް މާބޮޑަށް ފަސޭހަކޮށްލެވެނީ. އެއްވަރުގެން ނިމުނީމަ އަސްލުގަ ހިތްހަމައެއް ނުޖެހޭ، މިމެޗަކީ އަޅުގަނޑުމެންނަށް ހަތަރު ފަސް ގޯލް ޖެހިދާނެ މެޗެއްކަން ޤަބޫލް ކުރެވޭ." ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ދެން ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ތިނެއް ޖަހާއިރުއެވެ.