ކުޅިވަރު

"އިރާދަކުރެއްވިއްޔާ ލީގު ނަގާނަން، ނިމޭނީ އެމީހުން ބަލިވެގެން"


ލީގު ނަގާނެކަމަށާއި، އެކަމަކު މެޗަކުން ބަލިވުމަށްވުރެ މުޙިއްމީ ދަނޑަކީ އެންމެނަށް ވަދެވޭވަރުގެ ތަނަކަށް ހެދުންކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ރޭ ލަނޑެއް ނުޖެހި މިލަންދޫއާ އެއްވަރުވި މެޗަށްފަހު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކޯޗު ބުނީ މިއުޅެނީ މެޗަކުން ބަލިވެގެން ނޫނީ މުޅުނުވެގެން ނޫންކަމަށާއި، މިއުޅެނީ ދަނޑަކީ އެންމެނަށް ވަދެވޭވަރުގެ ތަނަކަށް ނުވެގެންކަމަށެވެ. ހަމަ ކޮންމެ ދުވަހަކު ދަނޑުގެ އުތުރުފަރާތު ސިޑިބަރިއާއި ދިމާލުން ހުތު އެއްޗިހި ގޮވާކަން ފާހަގަކުރަމުން ނިޒާމް ބުނީ ޔަޤީނުންވެސް އެމީހުންނާ ދިމާއަށް އެއްޗިހި ކިޔަން މަންމަ ނާންނާނެކަމަށެވެ. ނިޒާމް އިޝާރާތްކުރީ މެޗު ހިނގަމުންދިޔަ އިރު އެދިމާލުގައި ތިބި ބަޔަކު އޭނާގެ މަންމައަށް ނިސްބަތްކޮށް ހުތު އެއްޗިހި ކިޔާފައިވާކަމަށެވެ. 

މެޗު ނިމުމާއެކު ކޯޗު ނިޒާމްގެ އިތުރުން ޓީސީގެ ބައެއް ކުޅުންތެރިންނާއި، އޮފިޝަލުން އެދިމާލަށް ގޮސް ސިޑިބަރިއަށް އަރާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މެޗުން މޮޅު ނުވުމުން ލީގު ގެއްލުނީތޯ ކުރި ސިވާލަށް ޖަވާބުދެމުން ނިޒާމް ބުނީ އިރާދަކުރެއްވިއްޔާ ލީގު ނަގާނެކަމަށާއި، ލީގު ނުގެއްލޭކަމަށެވެ.

" މެޗަކުން މޮޅުނުވުން ނުވަތަ ބަލިވުމަށްވުރެ މާބޮޑުކަމެއް މިއީ. ޒަމާނުއްސުރެ މިކަން މިހެން ހިނގަމުން މިދަނީ. މިތަނަށް އަލަށް ޓީމެއް އައިސް އެއްޗިހި ގޮވީމާ މައްސަލައަކަށް މިވަނީ. މެޗެއް ގެއްލިގެނެއް ނޫޅެން. އިރާދަކުރެއްވިޔާ ލީގު ނަގާނަން. އެމީހުން ބަލިނުވެ މިކަން ނުނިމޭނެ " ރުޅިގަދަވެފައި ހުރި ކޯޗު މުޙައްމަދު ނިޒާމް މެޗަށްފަހު ބުންޏެވެ.

ބެލެވޭ ގޮތުގައި " އެމީހުން " ކަމަށް ނިޒާމް އެއިޝާރާތްކުރީ ނިއުރޭޑިއަންޓަށެވެ. ބަލިނުވެ މިހާރު ކުރިއަށްދަނީ ނިއުރޭޑިއަންޓެވެ. އަދި ލީގަށް ވާދަކުރަނީވެސް ނިއުރޭޑިއަންޓާއި ޓީސީއެވެ.