ކުޅިވަރު

ފަހުވަގުތު ލަންކާއިން ރާއްޖެއާ އެއްވަރުކޮށްފި


އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ސްރީލަންކާއިން ޖެހި ލަނޑާއެކު އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރި މެޗް އެއްވަރުވެއްޖެއެވެ. 

ތަޖަކިސްތާނުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ރާއްޖެއިންނެވެ. ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ. ޖައިލަމް ލަނޑު ޖެހީ ސްރީލަންކާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ރިޝްވާން އިސްމާޢީލް ލަންކާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ހުރަސްކުރި ބޯޅައަކުންނެވެ. މެޗުގެ ސާދަވަނަ މިނިޓްގައި ކާމިޔާބުކުރި މިލަނޑުގެ ކުރިންވެސް ރާއްޖެއަށް ގޯލް ޖަހާނެ ތިން ފުރުސަތެއް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަންކާއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެއާހިލާފަށް ރާއްޖެއިން ވަނީ ލަންކާގެ ގޯލަށް ނުރައްކާތެރި 5 ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަންކާއަށް ގޯލް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަޖީތްއަށެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ތިން ކުޅުންތެރިން ނައްށްޓާލުމަށްފަހު ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރ ސަމާހު އަލީ ވަނީ ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ލަންކާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ރަޒޫނިޔާ މުހައްމަދުއެވެ.

ދެވަނަ ހާފް ރާއްޖެއިން ފެށީ ލަނޑަކުންނެވެ. ދެވަނަ ގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުސައްނިފް މުހައްމަދުއެވެ. މިލަނޑަށްފަހުވެސް ރާއްޖެއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އޭގެތެރެއިންވެސް އެންމެ ކުރިއަށް ކުޅޭ އަހުމަދު ތޯއިލްއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ އިތުރު ވަގުތުގައި ލަންކާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރިއެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަލްޝަންއެވެ. 

ކޮލިފިކޭޝަންގައި ރާއްޖެ ދެން ނިކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.