ކުޅިވަރު

ކޯޗު ފޮނުވާލުމަށްފަހު މާޒިޔާއިން މާޅޮސް ކޮޅަށް 6 ލަނޑު ޖަހައިފި


ކޯޗު ފޮނުވާލުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި މާޅޮސް ކޮޅަށް މާޒިޔާއިން ހަ ލަނޑު ޖަހައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާގެ އެންމެ ރަނގަޅު ނަތީޖާ މިއަދު ނެރުނީ 6-0 ން މާޅޮސް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑާއި، ފަހު ލަނޑު ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އުމެއިރު ހެޓްރިކް ހެދިއެވެ. ފުރަތަމަ ހަތް މިނިޓް ނިމުނުއިރު އުމެއިރު ވަނީ މާޒިޔާއަށް ދެ ލަނޑުގެ ލީޑެއް ހޯދާދީފައެވެ. މާޒިޔާގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އައްސަދު އަލީއާއި ޔަޝްފާދު ހަބީބުގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ކެރިޗްއެވެ. 

މާޒިޔާގެ ކޯޗު ސެކުލޮސްކީ ދޫކޮއްލުމަށްފަހު އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި މުޙައްމަދު އާރިފް (ބަކާ) ގެ އިތުރުން އަމްދާނަށްވެސް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއްނުވެއެވެ. މެޗުގައި އުމެއިރު ކާމިޔާބު ކުރި ތިން ލަނޑާއެކު މިސީޒަންގެ އޭނާޖެހި ލަނޑުގެ އަދަދު ވަނީ ފަނަރައަށް އަރާފައެވެ. މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ވަގުތީ ކޯޗު އަހުމަދު ސުޒެއިރު ބުނީ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށާއި، މިއަދު މިފެނުނީ އެއްވެސް ޕްރެޝަރެއްނެތި ކުޅުންތެރިންނަށް ފުރުސަތު ދިނީމަ ކުޅުންތެރިން ކުރި މަސައްކަތްކަމަށެވެ.

" ކުރިންވެސް ބުނިހެން ފްރީ މައިންޑެއްގައި ޕްރެޝަރެއްނެތި ކުޅުންތެރިންގެ އަމިއްލަ ސިކުނޑިން ފްރީކޮށް ކުޅެން ލިބުނީމަ އޭގެނަތީޖާ މިފެނުނީ " ސުޒެއިރު ބުންޏެވެ.

މެޗަށްފަހު މާޅޮސް ކޯޗު އަލީ ނިޝްތާރު ބުނީ ލީގު ޝެޑިއުލް އޮތް ގޮތުން އެޓީމުގެ ކުޅުންތެރިންނަށް މާލެ އައިސް ގާތް ގާތުގައި މެޗުތައް ކުޅެން އުދަނގޫކަމަށެވެ. މިއަދު މެޗުގައި އަނިޔާގެ ސަބަބުން ބޯޓެން ނުލާ ކުޅުން ޖެހުމުން އުނދަގޫވިކަމަށާއި، މުޅިން އާ ކުޅުންތެރިން ޑިފެންސްގަ ބޭނުންކުރުމުން ހަމަޔަކަށް އެޅުނުއިރު މާޒިޔާއިން ތިން ލަނޑު ޖެހުމުން އިތުރަށް ކުރިޔަށް ދިޔުމަށް އުނދަގޫވިކަމަށެވެ.

" ބޯޓެންގ ނެތްތަން ވަރަށް ބޮޑަށް ދެއްކި. އޭނަ ނެތީމަ ޑިފެންސަށް ބަދަލު ގެނެސްގެން މި ކުޅުނީ. އެމީހުން ހަމަޔަކަށް އެޅުނުއިރު ތިން ލަނޑު ވަދެއްޖެ. " ނިޝްތާރު ބުންޏެވެ.

ނިސްތާރު ބުނީ ބާކީ އޮތް ތިން މެޗާއެކު އެޓީމުގެ ޓާގެޓަކީ ލީގު ނިމޭއިރު ދިހަ ޕޮއިންޓް ހޯދުންކަމަށެވެ. މާޅޮސް ކުޅުނު އެގާރަ މެޗުން މިހާރު ލިބިފައިވަނީ އަށް ޕޮއިންޓެވެ. މިމެޗުން ލިބުނު މޮޅާއެކު މާޒިޔާއަށް ލީގުގެ ތިންވަނަ ލިބެނީ ތޭވީސް ޕޮއިންޓާއެކުއެވެ.