ޚަބަރު

އާ ސިސްޓަމާއެކު ބިދޭސީންނާގުޅުންހުރި މައްސަލަތަކަށް ހައްލެއް!


މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗަރ ސެކިއުރިޓީ ސްކްރީނިންގ ސިސްޓަމްގެ ސަބަބުން، ބިދޭސީން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވުމަށްކުރާ މަސައްކަތްތަކަށް ހުއްޓުމެއް އަންނާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އަލަށް ތަޢާރަފްކުރި މިނިޒާމާއެކު، ހެލްތް ސްކްރީނިންގ ޓެސްޓުގެ އިތުރުން ސެކިއުރިޓީ ސްކްރީނިންގެ ޚިދުމަތްވެސް ދޭން ވަނީ ފަށާފައެވެ.

ޕްރީ ޑިޕާޗަރ ސެކިއުރިޓީ ސްކްރީނިންގ ސިސްޓަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ޙަސަން ޚަލީލް ވިދާޅުވީ، ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ފުރިހަމަކުރަންޖެހޭ މަރުޙަލާގައި އެމީހުންގެ އިނގިލީގެ ނިޝާން ސްކްރީން ކުރެވޭނެ ކަމަށާއި، އެ މަރުޙަލާ ނިމޭއިރު، އެމީހަކީ ރާއްޖެއިން ޑީޕޯޓްކުރެވިފައިވާ ނުވަތަ ބައްޔެއް ހުރެގެން ފޮނުވާލެވިފައިވާ މީހެއްކަން ކަށަވަރުވާނެކަމަށެވެ.

ޚަލީލް ވިދާޅުވީ، މި މަސައްކަތްކުރުމަށް އިމިގްރޭޝަނާއެކު އެއްބަސްވެފައިވާ "ބެސްޓިނެޓް" ކުންފުންޏަކީ ބިދޭސީން އެއްޤައުމުން އަނެއް ޤައުމަށް ފޮނުވައިދިނުމުގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމުގައި ޔޫރަޕާއި، އޭޝިއާގެ ޤައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއްކަމަށެވެ. އަދި އެފަރާތުން މަސައްކަތްކުރަމުން އަންނަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ވަރަށް ޒިންމާދާރުކަމާއެކު ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ސެކިއުރިޓީ ސްކްރީނިންގެ ސަބަބުން ރާއްޖެއަށް އެތެރެވާ ބިދޭސީންގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްވެސް ޤާއިމްކުރެވިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.