ކުޅިވަރު

ޓީސީއަކީ ފެވަރިޓުންނެއްނޫން، އެކަމަކު މަސައްކަތް ކުރާނަން -ނިޒާމް


އަމިއްލައަށް ލީގުގެ ފޭވަރިޓުންގެ ގޮތުގައި ވާހަކަދައްކަން ބޭނުން ނުވާކަމަށް ލީގުގެ ދެވަނަގައިވާ ޓީސީގެ ކޯޗު މުހަންމަދު ނިޒާމު ބުނެފިއެވެ.

 ޓީސީއާއެކު މިދިޔަ ދެ އަހަރުވެސް ލީގުގެ ދެވަނަ ހޯދި ކޯޗު ނިޒާމު ބުނީ ލީގަށް ވާދަކުރާ ޓީސައަށްވުރެ މާވަރުގަދަ، މާބޮޑެތި ޚަރުދުތައް ކުރި ޓީމްތައް އެބަތިބިކަމަށާއި، އެޓީމްތަކުގައި ޔޫރަޕްގެ މޮޅު ކުޅުންތެރިންނާއި، މޮޅު ކޯޗުންނާއި، ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިއްބާ ޓީސީ އަކީ ފެވަރިޓުންގެ ގޮތުގައި ވާހަކައެއް ނުދެއްކޭނެކަމަށެވެ. އެހެންނަމަވެސް ނިޒާމް ބުނީ ޓީސީން އެންމެ ފަހުވަގުތާހަމަށްވެސް ލީގު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ލީގުގެ އެއްވަނާގައި އޮތް ނިއުއަށްވުރެ އެއް މެޗުން މަދުން ކުޅެ 25 ޕޮއިންޓާއެކު އޮތް ޓީސީއަށް މިލަންދޫ މެޗަކީ މިހާރު އޮތް ހާލަތަށް ބަލާއިރު މުހިންމު މެޗެއްގެ ގޮތުގައި  ޓީސީގެ ކޯޗު ނިޒާމް ވަނީ ފާހަގަކޮށްފައެވެ.

" ހަޤީގަތުގަ ބޭނުމެއްނޫން ޓީސީއަކީ ލީގުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަވާކަށް، އެގޮތަށް ވާހަކަދައްކާކަށް ބޭނުމެއްނޫން. އެންމެ ފަހުވަގުތާ ހަމައަށް މަސައްކަތްކުރުން މީގަ އޮތީ. " ޓީސީއާއެކު ރަނގަޚު ނަތީޖާތަކެއް ހޯދަމުން އަންނަ ނިޒާމް ބުންޏެވެ.

މިލަންދޫ ކޯޗު މުހަންމަދު ނާސިރު ބުނީ މިލަންދޫ އެންމެފަހުން ކުޅުނު މެޗުގައި ދެއްކުނު ކުޅުމުގެ ސަބަބުން ބޮޑު އިތުބާރެއް ލިބިއްޖެކަމަށާއި، މިމެޗުގައި އެއަށްވުރެ ރަނގަޅު ކުޅެމެއް ފެނިގެންދާނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ. ނާސިރު ބުނީ ޓީސީ މެޗަކީ އެއްގޮތަކަށްވެސް ފައްސޭހަވާނެ މެޗެއް ނޫންކަމަށާއި، މިއީ އިތުރަށް މަސައްކަތް ކޮއްގެންނޫނީ ރަނގަޅު ނަތީޖާއެއް ނުހޯދޭނެ މެޗެއްކަމަށެވެ.

" މެޗުގަ ފެންނާނީ ކުރިން ކުޅުނު މެޗަށް ވުރެ ތަންކޮޅެއް ލެވެލް ހައިކޮށްކަމަށް މިބަލަނީ. އިތުރަށް މަސައްކަތްކުރަން ޖެހޭ އުނދަގޫ މެޗެއްމީ " ނާސިރު ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއާއި ށ.މިލަންދޫ ވާދަކުރާނީ މިރެއެވެ. މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.