ކުޅިވަރު

ކުޑަހުވަދޫ ބަލިކޮށް، ގްރީން އުއްމީދު އާކޮށްފި


ކުޑަހުވަދޫ ބަލިކޮށް، ގްރީންސްޓްރީޓުން ލީގުގެ ގަދަ ހަތެރެއްގެ އުއްމީދު އާކޮއްފިއެވެ. 

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ގްރީންސްޓް މޮޅުވީ ކުޑަހުވަދޫއާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގައި މޮޅުކުޅުމެއް ދެއްކި ކުޑަހުވަދޫން ވަނީ ގިނަ ހަމަލާތެކެއް ގްރީންސްޓްރީޓް ގެ ގޯލަށް ފޮނުވާލާފައެވެ. ގްރީންއަށް ދިމާވި އެންމެބޮޑު މައްސަލައަކީ ފުރަތަމަ ހާފްގައި އެޓީމްގެ އަހުމަދު ހަސަންއަށް ރަތްކާޑު ދެއްކުމެވެ. އޭގެފަހުން ކުޑަހުވަދޫން ވަނީ ގިނަ ހަމަލާތަކެއް ގްރީންގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ޖިބޯލާއާ ޝަހީމް އަށް ލިބުނު ފުރަސަތުތައް ފާހަގަކުރެވެއެވެ.

 މެޗުގެ ހަމައެކަނި ލަނޑު ގްރީންސްޓްރީޓުން ޖެހީ ދެވަނަހާފްގެ ހަތާވީސްވަނަ މިނިޓް ލިބުނު ހިލޭޖެހުމަކުން ވިލިއަމްއެވެ. ވިލިއަމް ފޮނުވާލު ބޯޅަ އަމީޒުވީ ސީދާގޯލްގެ މަތީކަނަށެވެ. މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ކުޑަހުވަދޫއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ކުޑަހުވަދޫގެ ޝަހީމް ޖެހި ޕެނެލްޓީ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

 މެޗަށްފަހު ވާހަކަދައްކަމުން ގްރީންސްޓްރީޓުގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ މެޗުގައި ހާސިލްކުރަން ބޭނުންވި ކަންތައްވުމުން ހިތްހަމަޖެހޭކަމަށާއި، ގްރީންއިން މަސައްކަތްކުރަން ދަނީ ޓީމަށް ދިމާވެފައިވާ މައްސަލަތަކާއެކު ގަދަ ހަތަރަކަށް އެރުމަށްކަމަށެވެ. ޓީމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ނުދެއްކޭނެކަމަށް ސޮބާ ވަނީ ބުނެފައެވެ. 

މެޗަށްފަހު ކުޑަހުވަދޫ ޓީމްގެ ކޯޗް މުހަންމަދު ޝިޔާޒް( މޯހަން) ބުނީ ގޯލް ނުޖެހުން ފިޔަވާ ހުރިހާ ކަމެއް ކުޅުންތެރިން ކުރިކަމަށާއި، މިއަދު ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. މެޗުން ލިބުނު މޮޅާއެކު ގްރީންސްޓްރީޓަށް ލީގުގެ ހަތަރުވަނަ ލިބެނީ ސޯޅަ ޕޮއިންޓާއެކުއެވެ.