ޚަބަރު

ޖަމްޢިއްޔާތައް ސިޔާސީނުވެ، ފައިދާހުރި މަސައްކަތްތަކެއް ކުރަންޖެހޭ


ޖަމްޢިއްޔާ ޖަމާޢަތްތައް ސިޔާސީ ނުވެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރަމުން ގެންދިޔުމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ގޮވައިލައްވައިފިއެވެ. 

ހޯމް މިނިސްޓަރ މިކަމަށް ގޮވާލެއްވީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ބޭއްވި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހާއްސަކޮށްގެން ދަމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމްގައި ސަތޭކަ ޖަމްޢިއްޔާއަކުން ބައިވެރިވެފައިވެއެވެ. މި ފޯރަމް ބާއްވާފައިވަނީ ޖަމްއިއްޔާތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށްފަހުއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި، ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާނެކަންކަމުގެ މަގުޗާޓެއްވެސް މި ފޯރަމްގައި ވަނީ އެކުލަވާލާފައެވެ.

img:http://s4.psmnews.mv/images/660x400/15093680336529.jpg|ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ފޯރަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ ރާއްޖޭގައި މިހާރު ލިބެން ހުރި ޚިދުމަތްތައް ތަރައްޤީ ކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު އެކަމުގައި އަމިއްލަ ޖަމްއިއްޔާތަކުން ބައިވެރިވާންޖެހޭނެކަމަށެވެ. ދެހާސް ތިރީހަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ޤައުމުގެ ތަރައްޤީއަށް މުހިއްމި ކަންކަން ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ އެކަންކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ. އަދި އެކަމުގައި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ރޯލު ބޮޑުކަންވެސް މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ދެހާސް ތިރީސް އައުމުގެ ކުރިން މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ފުރަތަމަ އެސްޑީޖީ ހާސިލްކުރާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިކަމުގައި ހުރިހާ އަމިއްލަ އެންޖީއޯތައް ބައިވެރިވުމަށްވެސް މިނިސްޓަރ ޠާރިޤް އިލްތިމާސްކުރެއްވިއެވެ.  

ޖަމްއިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ބޭއްވި ފޯރަމްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ދުޅަހެޔޮ ސިއްހަތާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ހުރި ގުޅުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، ތަރައްޤީގެ މަޝްރޫއުތަކަށް ފަންޑު ހޯދާނެ ގޮތާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން ބަދަހި ކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވާރާކޮށްފައިވެއެވެ.