ޚަބަރު

ބިދޭސީން ގެނައުމަށް ކަނޑައެޅި އުސޫލު ރައްކާތެރި- އިމިގްރޭޝަން


ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ އެތެރެވާއިރު، މެޑިކަލް ޗެކަޕްގެ ކަންކަން ފުރިހަމަކޮށްގެން އަންނަގޮތަށް ކަނޑައަޅައި ހަމަޖައްސާފައިވާ ނިޒާމަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި އަދި މިހާރު ދިމާވަމުން އަންނަ ބައެއް މައްސަލަތައް ހައްލުވާނެ ނިޒާމެއްކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އެތެރެވާއިރު، އެޤައުމުން މެޑިކަލް ޗެކަޕް ހަދައިގެން ރާއްޖެއަށް އަންނަ، ޚިދުމަތް ތަޢާރަފް ކުރެވުމުން މެޑިކަލް ޗެކަޕްގެ އިތުރުން ސެކިއުރިޓީ ސްކްރީނިންގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ މީހަކު ދެވަނަ ފަހަރަށް ރާއްޖެ އެތެރެވުމަށްކުރާ މަސައްކަތްވެސް ހުއްޓުމަކަށް އަންނާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ބަންގްލަދޭޝްގައި މެޑިކަލް ޗެކަޕް ހެދުމަށް ނިންމާފައިވާ ތަންތަނަކީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ ޤަބޫލުކުރާފެންވަރުގެ ތަންތަންކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސެކިއުރިޓީ ސްކްރީނިން ސިސްޓަމް (މިޕްސް)ގެ ނަމުގައި ތަޢާރަފްކޮށްފައިވާ މިނިޒާމު ބޭނުން ކުރަން ފެށުމާއެކު ބަންގްލަދޭޝްއިން ގެންނަ މަސައްކަތު މީހުންގެ މެޑިކަލް ޗެކަޕް ހެދުން އެޤައުމުން ކުރިއަށްގެންދާނީ މި މަސައްކަތްކުރުމަށް އިމިގްރޭޝަނާއެކު އެއްބަސްވެފައިވާ މިކަމަށް ޤާބިލް ކުންފުންޏަކާއެކު ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި ޚިދުމަތާއެކު ރާއްޖެއަށް އައުމުގެ ހުއްދަ ބަންގުލާދޭޝް މީހުންނަށް ދެވޭނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނާއި އެޤައުމުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ ޓެސްޓްތަކަށްފަހު ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.