ރިޕޯޓް

"ދަރުމަވަންތަހޮސްޕިޓަލުގެ ގްލާސްކްލެޑިންގ ޖަހައި މިއަހަރު ނިމޭނެ"


ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ ޢިމާރާތުގެ ބޭރު ފަރުމާކުރުމަށް ބޭނުންވާ ގްލާސް ކްލެޑިންގ ނުވަތަ ބިއްލޫރި ޖެހުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި، އިންޓީރިއަރ ޑިޒައިނިންގެ ބޮޑު ބައެއްވެސް ނިންމާލެވޭނެކަމަށް އައި.ޖީ.އެމް.އެޗުން ބުނެފިއެވެ. 25 ބުރީގެ މި އިމާރާތަށް ބޭނުންވާ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މަސައްކަތް ތާވަލުކޮށްފައިވާ ޝެޑިއުލާއެއްގޮތަށް ބާރަށް ކުރިއަށްދާކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. 

ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ހިންގަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، މާލޭގައި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތެވެ.  25 ބުރިއަށް އިމާރާތްކުރާ މި ހޮސްޕިޓަލުން ސަރުކާރުގެ މައި ހޮސްޕިޓަލްގައި މިހާރު ދެމުންދާ ހުރިހާ އައުޓްޕޭޝަންޓް ޚިދުމަތްތަކާއި، ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތައް ކުރެވޭނެ އިންތިޒާމް ޤާއިމްކުރާނެއެވެ. ހަމައެއާކު، ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކޮށް، ޤައުމީ އަދި ޞިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މިތަނުގައި ހަމަޖެހިގެންދާނެކަމަށް އައި.ޖީ.އެމްއެޗުން ބުނެއެވެ. ދަރުމަވަންތައް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ތަފާތު އަދި އަގުބޮޑު އެއް ޢިމާރާތެވެ. 140 މިލިއަން ޑޮލަރުގެ ބިޔަ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާލާއިރު، މުޅި ޢިމާރާތަށް ބޭނުންވާ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިދިޔަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ރޭނުމާއި ތަޅުން އެޅުމުގެ މަސައްކަތުގެވެސް 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ ހޮސްޕިޓަލްގެ ބޭރު ފަރުމާ ކުރުމަށް ބޭނުންވާ ގްލާސް ކްލެޑިންގ ނުވަތަ ބިއްލޫރި ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާއިރު، ޢިމާރާތަށް ބޭނުންވާ ކަރަންޓު ވައިރިންގގެ މަސައްކަތާއި، އަލިފާން ނިއްވާ ނިޒާމުގެ ހޮޅިއެޅުމާއި، މެޑިކަލް ގޭސް ހޮޅިއެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މަޢުސޫމް ވިދާޅުވިއެވެ. 

"އިމާރާތާކުގެ ޖުމްލަގޮތެއްގައި މިހާރު ބޭރު ގްލާސް ކްލެޑިންގގެ މަސައްކަތް އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ. އެ މަންޒަރު މިހާރު ފެންނާނެ. އެ މަސައްކަތަށް ބަލާލާއިރު، މުޅި އިމާރާތުގެ 8 އިންސައްތަ މަސައްކަތް އެއްކޮށް މިވަނީ ނިމިފައި. އިމާރާތުގެ ކަރަންޓް މަސައްކަތާއި، އަލިފާން ނިއްވާ ނިޒާމް ހަރުކުރުމުގެ މަސައްކަތާއި، ޕްލަންބިންގގެ މަސައްކަތާއި، ޕާޓިޝަން ވޯލްތަކުގެ މަސައްކަތްތައްވެސް މިވަނީ 40 އިންސައްތަ ނިންމާލެވިފައި. ޖުމްލަގޮތެއްގައި ދެންނެވޭނީ މުޅި އިމާރާތުގެ މަސައްކަތް މިހާރު މިއޮތީ ޝެޑިއުލަށްވުރެ 4 ވަރަކަށް ހަފްތާ ކުރީގައި" އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ. 

2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަރުމަންވަ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، އެއަހަރުގެ ޖުލައި 26 އަށް ހޮސްޕިޓަލް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި މެޝިނަރީ ހޯދުމާއި، އެތަކެތި އިންސްޓޯލްކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު އަންނަނީވަމުންނެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީންކުރުމުގެ ކަންކަންވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަމަށް އައި.ޖީ.އެމް.އެޗުން މަޢުލޫމާތުދެއެވެ. 

"އިމާރާތުގެ މަސައްކަތުގެ އިތުރަށް، އިމާރާތަށް ބޭނުންވާ މެޝިނަރީޒްތަކާއި އިކުއިޕްމަންޓްސްތައް އޯޑަރކުރުމާއި، އެތަކެތި އިންސްޓޯލްކުރުމަށް ބޭނުންވާ ބައެއް މަސައްކަތްތައްވެސް ކުރިއަށްއެބަދޭ. ހަމައެހެންމެ ޕާޓިޝާން ވޯލްތަކާއި، އިމާރާތުގެ އިންޓީރިއަރގެ މަސައްކަތްތައްވެސް މިހާރު ގާތްގަނޑަކަށް 50 އިންސައްތައަށްވުރެ މައްޗަށް މިވަނީ ނިންމާލެވިފައި. މީގެ އިތުރުން އިންސާނީ ވަސީލަތްތައް ހޯދުމުގެ ކަންކަންވެސް ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން އަޅުގަނޑުމެން މިދަނީ ކުރަމުން" އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ޙިދުމަތްދޭން ފެށުމުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، އެދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް ސަރުކާރުން ޤަބޫލްކުރެއެވެ. އަދި ހޮސްޕިޓަލާއެކު ސަރުކާރުން ވެރިރަށް މާލޭގައި ދޭ ޞިއްޙީ ޚިދުމަތްތައް ބޮޑެތި ކުރިއެރުންތައް އަންނާނެކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. އެގޮތުން އެ ހޮސްޕިޓަލުން ދެމުން އަންނަ ފިޒިއޮތެރަޕީގެ ޚިދުމަތް އިތުރަށް ތަރައްޤީވެގެންދާނެއެވެ. ހަމައެހެންމެ ސްޕޯޓްސް މެޑިސިންގެ ޚިދުމަތާއި، ރޭޑިއޮލޮޖީގެ ޚިދުމަތްވެސް އިތުރަށް ތަރައްޤީވެގެންދާނެކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. 25 ބުރީގެ މި ހޮސްޕިޓަލާއެކު އައި.ޖީ.އެމް.އެޗްގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުވެގެންދާއިރު، މިތަން ވެގެންދާނީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ހޮސްޕިޓަލަށެވެ.