ކުޅިވަރު

ރަނގަޅު ހުށައެޅުމެއް އެބައޮތް، ކުޅޭނީ ރަށު ޓީމަށް - ލުބުނާ


ކުރިއަށް އޮތް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތަށް ރަނގަޅު ހުށައެޅުމެއް ލިބިފައިވާކަމަށް ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އައިޝަތު ލުބުނާ ބުނެފިއެވެ. 

އެމުބާރާތުގެ ތިންވަނަ ހޯދި ލ.ގަމް ޓީމްގެ ލުބުނާ ބުނީ މިހާރު ރަނގަޅު ހުށައެޅުންތައް ލިބޭކަމަށާއި، ކުރިއަށް އޮތް މުބާރާތަށްވެސް އެފަދަ ހުށައެޅުމެއް އެބައޮތްކަމަށެވެ. ނަމަވެސް ގޮތެއް ނުނިންމާ ހުރީ ރަށު ޓީމުން މުބާރާތުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅޭތީ ކަމަށާއި، ރަށު ޓީމް ކުޅޭނަމަ އޭނާ ފެންނާނީ ރަށު ޓީމުންކަމަށެވެ.

" ހުށައެޅުންތައް ލިބޭ. ކުރިއަށް އޮތް މުބާރާތަށްވެސް ރަނގަޅު ހުށައެޅުމެއް ލިބިފަ އޮތީ، އެކަމަކު ރަށު ޓީމް ކުޅޭ ކަހަލަ ގޮތަކަށް އޮތީ. ރަށު ޓީމް ކުޅެންޏާ ރަށު ޓީމަށް ކުޅޭނީ " ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕަށްފަހު ރަށަށް ފުރުމުގެ ކުރިން އޭނާ ބުންޏެވެ.

 ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ޖެހުންތެރިއަކީވެސް އަދި އެންމެ މޮޅު ހިފުންތެރިއަކީވެސް މުބާރާތުގެ ތިންވަނަ ހޯދި ގަމް ޓީމްގެ ލުބްނާއެވެ. ބަށިބޯޅަ މުބާރާތްތައް ގިނަވެ، އިނާމް ފައިސާވެސް ބޮޑުވަމުން ދިއުމާއެކު މޮޅު ކުޅުންތެރިންނަށް ރަނގަޅު ހުށައެޅުންތައް ލިބޭކަން އެސޯސިއޭޝަނުންވެސް ވަނީ ފާހަގަކޮށްފައެވެ.