ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް


"ގޯވާ މެރިޓައިމް ކޮންކްލޭވް"ގައި ބައިވެރިވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ފޯރަމަކީ މިސަރަހައްދުގެ ކަނޑުމަތީގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ގޯވާގައި ކުރިއަށްދާ މި ފޯރަމްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ފޯރަމްގައި މިސަރަހައްދުގެ 10 ޤައުމަކުން ބައިވެރިވެއެވެ. މިފޯރަމްގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ދިވެހިރާއްޖެ، ތައިލެންޑް، ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ސްރީލަންކާ، ސީޝެލް، މިޔަންމާ، އަދި ބަންގްލަދޭޝް ހިމެނެއެވެ.

މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އިންޑިއާއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.