ޚަބަރު

ތާރު އެޅުން ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން


ހދ.ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި، އެރަށުގެ މަގުހެދުމުގެ މަސައްކަތް ކުރިންވެސް ކުރިއަށްދިޔަ ބާރުމިނުގައި ވަރަށް އަވަހަށް އަލުން ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން) އިން ބުނެފިއެވެ.

ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމާ ގުޅޭގޮތުން އެމްއާރްޑީސީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙް ވިދާޅުވީ، މިމަޝްރޫޢާ ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކައަކީ ހަޤީގަތް އޮޅުވާލާ، ސަރުކާރާއިމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ.

މަމްދޫޙް ވިދާޅުވީ މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަފާތު މައްސަލަތައް ދިމާވާނެކަން ޤަބޫލްކުރަންޖެހޭކަމަށާއި، ވަކިން ޚާއްޞަކޮށް ސަބް ކޮންޓްރެކްޓަރަކާއެކު މަސައްކަތްކުރަމުންދާއިރު، ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ދިމާވުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ދިމާވާ ޙާލަތްތަކުގައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ، ސަރުކާރާމެދު ޝައްކުއުފެއްދުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.

"އެމްއާރްޑީސީއާއި ސަރުކާރުން ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތްޙަވާލުކުރައްވައިގެން ކުރިއަށްމިގެންދަނީ ދެއްތޯ؟ އެރަށުގެ މަގު ތާރުއެޅުމުގެމަސައްކަތް ހުއްޓުނީމައި ކައުންސިލުންވާނެ ދެއްތޯ އަޅުގަނޑުމެންނާވެސް މަޝްވަރާކޮށްލަން، އެގޭ ބަދަލުގައި އެކިގޮތްގޮތަށް ދެއްތޯ މިވާހަކަދައްކަނީ،މިމައްސަލައިގައި ޙައްލު ހޯދަން އުޅޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އެގޭބަދަލު މައްސަލަ އުފެއްދޭގޮތަށް މިވާހަކަތައް ދެކެނީ މިކަންތައްތައްކުރިއަށްގެންދެވެނީ އެންމެން އެއްބާރުލުންދީގެން" މަމްދޫހު ވިދާޅުވިއެވެ.

އެމްއާރްޑީސީން ބުނީ މަގު ހެދުމުގެ މަސައްކަތް ތާވަލްކުރެވިފައިވާ އެންމެ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މި މަޝްރޫޢާއެކު ކުޅުދުއްފުށީގެ އަށާރަ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައެވެ. މި މަގުތަކުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅާ ނިންމާފައެވެ.