ކުޅިވަރު

އެމް.އެން.ޑީ.އެފްއާއި ބީއެމްއެލް ބެޑްމިންޓަން ތަށި މިލްކްކޮށްފި


ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބެޑްމިންޓަން ޗެންޕިއަންޝިޕްގެ ތަށި ބީއެމްއެލް އަދި އެމްއެންޑީއެފްއިން މިލްކުކޮށްފިއެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބީއެމްއެލް ތިންވަނަ ފަހަރަށް ހޯދީ ފައިނަލުގައި ކަސްޓަމްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އެމްއެންޑީއެފް ހޯދީ ފައިނަލުގައި ސްޓެލްކޯ ބަލިކޮށްގެންނެވެ. މުބާރާތުގެ ތިން އަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ މިދެޓީމެވެ. 

ފައިނަލް މެޗަށް ފަހު އެމްއެންޑީއެފްގެ ކޯޗު އަބުދުﷲ އަހުމަދު ބުނީ ތަށި މިލްކު ކުރުމަކީ ފަސޭހަކަމެއްނޫން ކަމަށާއި، ކާމިޔާބު ލިބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކަމަށް ކުރި މަސައްކަތުންކަމަށެވެ. އަދި ފައިނަލް މެޗު ކާމިޔާބުކުރެވުނީ ރޭވިގޮތަށް ކުޅެގެންކަމަށެވެ.

 ބޭންކް އޮފް މޯލްޑްވިސްގެ އަންހެންޓީމުގެ މެނޭޖަރ އައިމިނަތު އަހުމަދު ދީދީ ( ކުޑޫ ) ބުނީ މިއީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތްކަމަށާއި، ކާމިޔާބީ ގުޅިފައިވަނީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރި ބުރަމަސައްކަތާކަމަށެވެ.

މުބާރާތުގެ އަންހެންޑިވިޝަންގެ ތިންވަނަ ހޯދީ ސެޓްލެކޯއާއި ދިރާގެވެ. ފިރިހެން ޑިވިޝަންގެ ތިންވަނަ ހޯދީ މޯލްޑިވިސް އެއަރޕޯޓް ކޮންޕެނީ ލިމެޓެޑާއި ޕޮލިހެވެ.

img:http://s3.psmnews.mv/images/660x400/15092570777816.JPG|މުބާރާތުގެ ފިރިހެން ޗެމްޕިއަން އެމްއެންޑީއެފް: ފޮޓޯ-ޕީއެސްއެމް

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަދައްކަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މީއީ ބެޑްމިންޓަންގެ އެންމެ ފޯރިގަދަ އެންމެ ވާދަވެރި މުބާރާތްކަމަށާއި އަހަރުން އަހަރަށް ބޮޑެތި ކުރިއެރުންތަކެއް މުބާރާތައް ލިބެމުންދާކަމަށެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 1986 ވަނަ އަހަރުގެ ބެޑްމިންޓަން ގައުމީ ސިންގަލްސް ޗެންޕިއަން އެމްއޭސީއެލް ޓީމްގެ އަބްދުﷲ އަލީ ބެޑްމިންޓަނަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައެވެ.