ކުޅިވަރު

ހިގުއައިންއާއި ސްޓަރިޖް 100 ލަނޑު ހަމަކޮށްފި


ޔުވެންޓަސްގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އިޓާލިއަން ލީގުގައި 100 ލަނޑު ހަމަކުރިއިރު، ލިވަޕޫލްގެ ފޯވްޑް ޑެނިއަލް ސްޓަރިޖް އޭނާގެ ޓީމަށް 100 ލަނޑު ޖަހައިދީފިއެވެ.

އާޖެންޓީނާގެ ފޯވަޑް ހިގުއައިން 100 ލަނޑު ލީގުގައި ހަމަކުރީ 153 މެޗުންނެވެ. 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން އިޓަލީގެ ނަޕޯލީ އަށް ބަދަލުވެ ފަހުން ޔުވެންޓަސް އަށް ބަދަލުވި ކުޅުންތެރިޔާ ރޭ 100 ވަނަ ލަނޑު ޖެހީ އޭސީ މިލާން ކޮޅަށެވެ. ޔުވެންޓަސްއާ ވާދަވެރި މިލާން ކޮޅަށް ރޭ ދެ ލަނޑު ވެސް ޖަހައިދިނީ ހިގުއައިންއެވެ.

މެޗަށް ފަހު އޭނާ ބުނީ 100 ލަނޑު ޖެހުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭ އުފަލެއް ކަމަށާއި، އިތުރު 100 ލަނޑު ޖަހަން އޭނާ އަޒުމް ކަނޑައަޅާ ކަމަށެވެ.

ލިވަޕޫލްގެ ފޯވަޑް ސްޓަރިޖް 100 ވަނަ ލަނޑު ޖެހީ ރޭ ޕްރެމިއާ ލީގުގައި ހަޑަލްސްފީލްޑް އަތުން 2-0 ން މޮޅުވި މެޗުގައެވެ. މި މެޗުގައި މުހައްމަދު ސަލާހް ޕެނަލްޓީއެއް މިސްކޮށްލިއިރު، ލިވަޕޫލަށް ލަނޑު ޖަހައިނިނީ ރޮބާޓޮ ފިރްމީނޯ އާއި ޖިއޯޖިއޯ ވައިނަލްޑަމްއެވެ.

މެޗަށް ފަހު ކޯޗު ޔާގެން ކްލޮޕް ބުނީ ބައިކޮޅަށް ގޯލެއް ނުވަދެ، މޮޅުވުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. ނަމަވެސް މި މެޗަކީ ލިވަޕޫލް ފުރަތަމަ ލަނޑު ޖަހަންދެން ސަޕޯޓަރުން ހަނުތިބި މެޗެއް ކަމަށާއި، މިފަދަ މަންޒަރެއް އޭނާގެ ކޯޗުކަމުގައި މީގެ ކުރިން ދެކެފައިނުވާ ކަމަށެވެ.

ލިވަޕޫލް މިހާރު އޮތީ 16 ޕޮއިންޓާއެކު ހަ ވަނާގައެވެ.