ކުޅިވަރު

ކުރީގެ ކުޅުންތެރިންގެ ތައުރީފް އިނގިރޭސި ޒުވާން ޓީމަށް!


އިންޑިޔާގައި ރޭ ނިމުނު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންގްލޭންޑް ކާމިޔާބު ކުރުމުން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ތައުރީފް އޮއްސާލައިފިއެވެ.

ސްޕޭން 2-0 ން ކުރީގައި އޮއްވައި އިނގިރޭސިން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ.

އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނީ މުޅި ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، އިނގިރޭސި ޓީމު ދެއްކީ ވަރަށް ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނީ އިނގިރޭސި ފުޓްބޯޅައިގެ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި ކާމިޔާބު ހޯދި ކުޅުންތެރިންނަށް އަދިވެސް ފުރުސަތުދޭންވީ ކަމަށެވެ. ޓޮޓެންހަމުގެ ފޯވަޑް ހެރީކޭން ބުނީ މުޅި ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، އިނގިރޭސިން ދެއްކީ ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ. ގައުމީ ޓީމުގެ ކުރީގެ ފޯވްޑް މައިކަލް އޮވެން ބުނީ އިނގިރޭސިންގެ ފެންވަރުހުރިކަން ދުނިޔެ އަށް އަނެއްކާ ވެސް ސާބިތުކޮށްދީފި ކަމަށާއި، ޒުވާން ކުޅުންތެރިންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސްދޭ ކަމަށެވެ. މަޝްހޫރު ގެރީ ލިނެކާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި މުޅިން އާ ރަންޖީލެއް އުފަންވެއްޖެ ކަމަށާއި، މުޅި ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/15092538809095.jpg|އިނގިރޭށި ޒުވާން ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޒިންހުއާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހުރިހާ ޝުކުރެއް އޮތީ އިނގިރޭސި އެފްއޭ އާއި ކުލަބުތަކަށް ކަމަށެވެ. އަދި މިއީ އިނގިރޭސި ފުޓްބޯޅަ އަށް މުހިންމު ކާމިޔާބީ އެއް ކަމަށާއި މި ނަތީޖާގެ މަތީގައި އިތުރު ކާމިޔާބީ ހޯދަން ރަނގަޅު ނިންމުތަކަކާއެކު ކުރިއަށް ދާން ޖެހޭ ކަމަށެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ ޒުވާން ކުޅުންތެރިޔާ ފިލް ފޮޑެންއާ ބެހޭ ގޮތުން ގާޑިއޯލާ ބުނީ ސީނިއާ ކުޅުންތެރިންނާއެކު ކޮންމެ ދުވަހަކު ފޮޑެން ވަގުތު ހޭދަކުރާތަން އޭނާ ދެކޭ ކަމަށެވެ. އަދި ސީނިއާ ކުޅުންތެރިންގެ ފަރާތުން އޭނާ ވަރަށް ރަނގަޅަށް ކަންކަން ދަސްކުރާ ކަމަށާއި، ސިޓިގެ ކޯޗުގެ ހައިސިއްޔަތުން އެކަމާ އޭނާ ވެސް އުފާކުރާ ކަމަށެވެ.

ރޭގެ މޮޅަކީ މި އަހަރު އިނގިރޭސިން ޔޫތު ލެވެލްގައި ހޯދި ތިން ވަނަ ތަށްޓެވެ. މީގެ ކުރިން އެ ގައުމު ވަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި، 19 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ.