ކުޅިވަރު

މާގިނަ ވާހަކަ ދައްކަން ބޭނުމެއް ނޫން - ސެކްލޮސްކީ


މާޒިޔާގައި އޭނާ ހޭދަކުރި 10 މަސްދުވަހުގެ ތެރޭގައި ދިވެހި ފުޓްބޯޅަ އަށް ކުރިއެރުން ގެނެސްދެވުނު ކަމަށާއި ނަމަވެސް މާގިނަ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

މާޒިޔާ އަށް ގެނައި ފުރަތަމަ ބިދޭސީ ކޯޗު ސީޒަނުގެ މެދުތެރެއިން އެނބުރި ގައުމަށް ދާން ނިންމީ އޭނާގެ ކޯޗުކަމުގައި ނަތީޖާ ގޯސްވުމާއެކު ކޮންޓްރެކްޓް އާނުކުރަން ކުލަބުން ނިންމުމުންނެވެ. މި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކޯޗު އަމިއްލަ ގައުމު މެސެޑޯނިއާ އަށް ދިއުމަށް ރޭ ފުރުމުގެ ކުރިން ބުނީ އޭނާ ބޭނުންވަނީ ގިނަ ވާހަކަ ނުދައްކަން ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ މަސައްކަތާއި ދެއްކި ހިތްވަރާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މާޒިޔާ އަށް ކޯޗުކޮށްދެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ކޯޗު ވަނީ ސިފަކޮށްފައެވެ.

އާސިއާންގެ ބައެއް ގައުމުތަކުގައި މީގެ ކުރިން ކޯޗުކޮށްދިން ސެކުލޮވްސްކީ ޓީމާ ވަކިވިއިރު އޭނާގެ ކޯޗުކަމުގައި މާޒިޔާ މިހާރު އޮތީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތިން ވަނާގައި ޗެމްޕިއަންކަން ދިފާއު ކުރަން އުނދަގޫ ހާލަތެއްގައެވެ. ކޯޗަށް ނަތީޖާ ނުނެރެވެން ފެށީ ޓީމުގެ ކެޕްޓަން އަދި ފޯވަޑް އަސަދުﷲ އަބުދުﷲއަށް އަނިޔާވި ހިސާބުންނެވެ. ނަމަވެސް މާޒިޔާއަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއި ބިދޭސީ މޮޅު ކުޅުންތެރިންގެ ބޮޑު ސްކޮޑެއް އޮތް ކުލަބެކެވެ. 

ރެފްރީންގެ ނިންމުތަކާމެދު ވަރަށް ބޮޑަށް އެފްއޭއެމަށް ފާޑުކިޔާހެދި ކޯޗު ވަނީ މާޒިޔާގައި ސީޒަން ހުޅުވި މެޗާއި މާލޭ ލީގު ކާމިޔާބު ކޮށް އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.