ޚަބަރު

ހުއިފިލަނޑާ އާލާކުރުމަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


"މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި ލ.އިސްދޫގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް،އިފާޑް ގުޅިގެން ހިންގާ މި މަޝްރޫގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން އަންނަމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް މި ހަތަރުރަށުގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިމަޝްރޫއުގައި ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިޕްރޮގްރާމަށް މިއަހަރު ދެވަނަ ފަހަރު ފުރުސަތު ހުޅުވާލީ ލ.އަތޮޅަށް ކަނޑައަޅާފައިވާ 150 ފުރުސަތުން އިތުރުޖާގަ އޮތުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވަނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް، ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.