ޚަބަރު

ޕައުޗު ޕްލާންޓުން ދުވާލަކު 15 ޓަނުގެ މަސް ބަންދުކުރެވޭނެ


ފެލިވަރުގައި ތަރައްޤީކުރާ ޕައުޗު ޕްލާންޓުގައި ދުވާލެއްގެ މައްޗަށް 15 ޓަނުގެ މަސް ބަންދުކުރެވޭނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. 

މިފްކޯގެ، މަސްބަންދުކުރާ ކާރުޚާނާއެއް ހިންގާ ޅ. އަތޮޅު ފެލިވަރުގައި ތަރައްޤީކުރާ ޕައުޗު ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ނިމޭނެކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާއީލް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެތަނަށް ބޭނުންވާ މެޝިންތައް ބެހެއްޓުމުގެ މަސައްކަތްކަމަށެވެ. ފެލިވަރު މަސް ކާރުޚާނާގައި ދުވާލަކު 50 ޓަނު މަސް ބަންދުކުރާއިރު، އޭގެ ތެރެއިން 15 ޓަނު ޕައުޗުގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދަޅުގައި ބަންދުކުރާނީ ދުވާލެއްގެ މައްޗަށް ތިރީސްފަސް ޓަނު ކަމަށް ޢަދްލީ އިސްމާއީލް ވިދާޅުވިއެވެ.  

އަދި ކުރި މަގުގައި ފެލިވަރު މަސްކާރުޚާނާގައި ދުވާލެއްގެ މައްޗަށް ފަންސާސް ޓަނު ދަޅުގައި އަދި ފަނަރަ ޓަނު ޕައުޗުގައި ބަންދުކުރުމަށް ވިސްނާފައިވާ ކަމަށްވެސް ޢަދްލީ ވިދާޅުވިއެވެ. ޕައުޗްގައި ބަންދުކުރާ މަސް ބޭރުގެ ކުންފުނިތަކަށް އެކްސްޕޯޓު ކުރުމަށްޓަކައި މަސް ގަންނާނެ ބޭރުގެ ކުންފުނިތައް ހަމަޖައްސައި، އެފަރާތްތަކާއެކު ކޮންޓްރެކްޓްތައް ހަދާފައިވާކަމަށް މިފްކޯއިން މީގެކުރިން ވަނީ ބުނެފައެވެ.