ޚަބަރު

ކާރިސާތަކަށް ހޭލުންތެރިކުރުވުމާގުޅޭ މަޝްވަރާތަކެއް ބާއްވައިފި


ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށްގެން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން "ސަރޓް ވެލިޑޭޝަން ވޯކްޝޮޕް"ގެ ނަމުގައި ބޭއްވި މި ބައްދަލުވުން ޚާއްސަކޮށްފައިވަނީ، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސާގައި އަތޮޅުތަކުން ބައިވެރިވާ މަންދޫބުންނަށެވެ.

އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތައް ތަމްސީލްކުރާ މެންބަރުން ބައިވެރިވެރިވި މި ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ސޮފީނާޒް ޙަސަން ވިދާޅުވީ، އެން.ޑީ.އެމްސީން ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ކުރާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ބައްދަލުވުމުގައި ހިއްސާކޮށްފައިވާނެކަމަށެވެ. އަދި މިކަމުގައި އެފަރާތްތަކުގެ ޚިޔާލު ހޯދައި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކޮށް ކުރިއަރުވާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާކަމަށެވެ.

ކާރިސާއެއް ދިމާވެއްޖެނަމަ ރަށު ފެންވަރުގައި އެކަމަށް އިޖާބަ ދިނުމާއި އެކަންކަމަށް އިތުރަށް އަހުލުވެރިކުރުވުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ހިންގާ ޚާއްސަ ޕްރޮގްރާމް "ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމް" މިހާތަނަށް ފަންސާސް ދެ ރަށެއްގައި ބޭއްވިފައިވުމާއިއެކު މިކަމަށް އިތުރު މަންދޫބުން އަހްލުވެރިކުރުމަކީވެސް މިމަސައްކަތު ބައްދަލުވުމުގެ އެއް މަޤްޞަދުކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިން ބުނީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، ކާރިސާތަކަށް ރަށްރަށުގެ ރައްޔިތުން އަހުލުވެރިވެ ސަމާލުކަންދޭ މިންވަރު އިތުރުވެފައިވާކަމަށާ، މިކަންކަން އިތުރަށް ކުރިއެރުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމުގެ އެންމެ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުން މުހިއްމުކަމަށެވެ. އަދި ކަމާގުޅުންހުރި މިފަދަ މަސައްކަތު ބައްދަލުވުންތަކުން މުހިންމު މަޢުލޫމާތުތަކެއް އެނގިގެންދާކަން ބައިވެރިން ފާހަގަކުރިއެވެ.

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް "ޤައުމީ މަންސަ"ގެ ނަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުން އިންތިޒާމްކޮށްގެން އާދިއްތަ ހޯމަ، މި ދެދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ކަމާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވާނެއެވެ.