ކުޅިވަރު

އަޝްފާޤުގެ ހެޓްރިކާއެކު ނިއު މަޤާމް ދިފާއުކޮށްފި


އަލީ އަޝްފާގުގެ ހެޓްރިކާއެކު 7-1 ން މާޅޮސް ބަލިކޮށް، ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ މަޤާމް ނިއުރޭޑިއަންޓް ދިފާއުކޮށްފިއެވެ.

 މެޗުގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ދެ ލަނޑާއެކު އަޝްފާޤު ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މީގެއިތުރުން އަލީ ފާސިރު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އިބްރާހީމް ފަޒީލްއާއި، އަހުމަދު އަބުދުﷲއެވެ. ނިއުއިން ލަނޑުތައް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ހާފް ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. 

ނިއުއިން ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފްގައި މާޅޮހަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު އާރިފްއެވެ. ދެވަނަ ހާފް ފަށައިގެން ތިރީސް ސިކުންތްގެ ތެރޭގައި ނިއުރޭޑިއަންޓުން ލަނޑުތައް ޖަހަން ފެށިއެވެ. ހަތް ލަނޑުގެ އިތުރުންވެސް ނިއުއަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. 

މި މޮޅާއެކު ނިއުއަށް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު 10 މެޗުން 27 ޕޮއިންޓް ހޯދާގެންނެވެ. ތާވަލްގެ ދެވަނާގައި އޮތީ ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދާގެން ޓީސީއެވެ. ކުޅުނު 10 މެޗުން މާޅޮހަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

 ލީގުގެ ކުޅުންދެން އޮންނީ އަންނަ ހޯމަ އަދި އަންގާރާ ދުވަހާއި ރެއެވެ..