ކުޅިވަރު

ޓީސީއަކީ ނިއުއަށް ޗެލެންޖެއް، މިއީ ނިޒާމަށް ހިތްހަމަޖެހުމެއް!


އުރީދޫ ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކުރުމަށް ނިއުރޭޑިއަންޓަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭނާ ކޯޗުކޮށްދޭ ޓީސީ ކަމަށް ނިއު އަށް ހީވާނަމަ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީސީން ބުނެފިއެވެ.

ކޯޗު މުހައްމަދު ނިޒާމް ބުނީ ނިއުއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، ލީގު އެތައް ފަހަރަކު ހޯދާފައިވާ ޓީމަކުން ޓީސީ އަކީ ޗެލެންޖެއް ކަމަށް ޤަބޫލު ކުރުމަކީ އޭނާ އާއި، ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު ޓީސީ މިވަގުތު އޮތީ ނިއު އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ޓޭބަލުގެ އެއްވަނާގައެވެ. ޓީސީ އަށް މިހާތަނށް 25 ޕޮއިންޓް ލިބިފައިވާއިރު ނިއު އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގު ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރަމުންދަނީ ވެސް މި ދެ ޓީމެވެ.

ނަމަވެސް ނިޒާމްބެ ބުނީ ހަތަރު މެޗު ބާކީ އޮތުމުން ވަރަށް ގިނަ ގޮތްގޮތަށް ޓޭބަލް ބަދަލުވެދާނެ ކަމަށާއި، ޓީސީ މިދިޔަ ތިން އަހަރު ކުރި މަސައްކަތާ އަޅާބަލާއިރު ޗެމްޕިއަންކަމަށް ވާދަކުރަން އޭނާގެ ޓީމު މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެ ގޮތުން ތިން ފައިނަލް ކުޅެފައިވުމަކީ ކުޅުންތެރިން ވެސް އިތުރު ކާމިޔާބީއެއް ހޯދަން އަޒުމް ކަނޑައަޅާ ކަމެއް ކަމަށެވެ.

މިދިޔަ ދެ އަހަރުވެސް ލީގުގެ ދެވަނަ ޓީމަކީ ޓީސީއެވެ.