ޚަބަރު

އެއަރޕޯޓްގެ ބެގޭޖް ބެލްޓް ބޮޑުކޮށް އިތުރު ޚިދުމަތްތަކެއް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބެގޭޖް ބެލްޓް ބޮޑުކޮށް، ފުރާ މީހުން ބޭނުންކުރުމަށް އިތުރު ގޭޓުތައް ހަދާ ބޭނުންކުރަން ފަށައިފިއެވެ.

އެއަރޕޯޓުގެ ޚިދުމަތަށް ގެނައި ބައެއް ބަދަލުގެ ދަށުން ދެ ބެގޭޖް ބެލްޓް ބޮޑުކޮށް އިތުރު 3 ގޭޓްވަނީ ހަދާފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އަންނަ އަހަރު އެއަރޕޯޓަށް އިތުރު 10ކައުންޓަރު އިތުރުކުރާނެކަމަށެވެ. އަދި އާ ޓަރމިނަލްގެ މަސައްކަތް ނިމުމުން މިހާރު ބޭނުންކުރާ ޓާމިނަލް ޑޮމެސްޓިކް ޓަރމިނަލަކަށް ބަދަލުކުރާނެކަމަށެވެ.

އެމްއޭސީއެލްއިން އެއއަރޕޯޓް ތަރައްޤީކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަސިންޖަރުންނަށް އެއްދިމާލަކުން ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަށާއި، އެއަރޕޯޓަށް އިތުރުވަމުން އަންނަ ފްލައިޓްތަކަށް ބޭނުންވާ ޚިދުމަތް އަވަސްކުރުމަށެވެ. އެގޮތުން ބެގޭޖް ބެލްޓް ބޮޑުކުރުމުގެ ސަބަބުން ބެލްޓުގެ ކެޕޭސިޓި 1200 ޕެކްސް އުފުލޭ ބެލްޓައަކަށް ބަދަލުވެގެންދާނެއެވެ. ޑިޕަރޗަރ ގޭޓުތައް އިތުރުކުރުމުގެ ސަބަބުން އެއްފަހަރާ 6 ފްލައިޓަށް ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މި ޚިދުމަތްތަކާއިއެކު، ފަސިންޖަރުންނަށްދޭ ޚިދުމަތް އެތަށް ގުނައަކަށް އިތުރުވާނެކަމަށެވެ.

ގޭޓް ހެދުމާއި، ބެގޭޖް ބެލްޓް ބޮޑުކުރުމާއި ލައުންޖްގެ މަސައްކަތައް ތިން މިލިއަން ޑޮލަރު ޚަރަދުވެފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އާދިލް މޫސާ ވިދާޅުވީ މާޗް މަހާއި ހަމައަށް އެއަރޕޯޓްއަށް ޖައްސާ ފްލައިޓްތައް އިތުރުވެ ބާރުބޮޑުވެގެންދާނެކަމަށެވެ. އެގޮތުން ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ ފްލައިޓްތަގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން ކުރިއަށް ގެންދަވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިމަސައްކަތުގެ ތެރޭގައި އާޓާމިނަލްގެ އިތުރުން އާ ރަންވޭއާއި ކާގޯގެ ޚިދުމަތް ފުޅާކުރުމާއި ފިއުލް ފާރމް ބޮޑުކުރުން ހިމެނެއެވެ.