ތަރައްްޤީ

މެޓްރޯޕޮލިޓަން ކޮލެޖުން ދިވެހި ދަރިވަރުންނަށް 50% ޑިސްކައުންޓް




މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމް.އީ.ސީ.ސީ މެދުވެރިކޮށް ސްރިލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންނަށް ކޯސް ފީއިން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން އެމް.އީ.ސީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރިލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފެވެ. އަދި މެޓްރޯޕޮލިޓަން ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޗެއަރމަން ޑރ. ސިރާޒް މީރާސާހިބުއެވެ.

މި އެއްބަސްވުމުގެ ސަބަބުން މެޓްރޯޕޮލިޓަން ކޮލެޖުން ހިންގާ ތަފާތު ކޯސްތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ދިވެހި ދަރިވަރުންނަށް، ހެޔޮ އަގުގައި ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެމް.އީ.ސީ.ސީއިން ބުނެއެވެ.

1999 ވަނަ އަހަރު ހުޅުވި މެޓްރޯޕޮލިޓަން ކޮލެޖަކީ ސްރިލަންކާގެ އެންމެ ނަން މަޝްހޫރު އެއް ކޮލެޖެވެ. އެ ކޮލެޖުން ހިންގާ ކޯސްތަކުގެ ތެރޭގައި އެމް.ބީ.އޭ ފެންވަރުގެ ކޯސްތަކާއި، ހަޔަރ ނޭޝެނަލް ޑިޕްލޮމާ އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނެއެވެ. މީގެ ތެރޭގައި މެނޭޖްމަންޓްގެ ދާއިރާ، ސައިކޮލޮޖީ، ސޯޝަލް ސައިންސް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަފާތު ކޯސްތައް އެ ކޮލެޖުން އަންނަނީ ހިންގަމުންނެވެ.

މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރަކީ ސްރިލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް ދިވެހި، އަދި ޤުރުޢާން ކިޔަވައިދިނުމަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރުގެ ފަރާތުން ހުޅުވާފައިވާ މަރުކަޒެކެވެ.