ޚަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ، ނޮވެމްބަރ 11 ވަނަދުވަހުގެ ރޭ


މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، ނޮވެމްބަރ މަހުގެ 11 ވަނަދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ކުރިން ބޭއްވުމަށް ނިންމާފައި އޮތީ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެމްބަރ މަހުގެ 16 ވަނަދުވަހު ބޭއްވުމަށް ސަރުކާރުން ކުރިން ނިންމެވީ މިއަހަރުގެ ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަސް ކައިރި ކައިރީގައި އަންނާތީ އެކު އެކީގައި ދެ މުނާސަބަތު ފާހަގަކުރުމަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އަހަރުގެ ޤައުމީ ދުވަހަކީ ނޮވެމްބަރ މަހުގެ ނަވާރަވަނަދުވަހެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެންބަރު 11 ވަނަ ދުވަހުގެރޭ  ބާއްވާ ޖަލްސާގައި، ސަރުކާރުން ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ޤައުމީ އިނާމާއި، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުން އޮންނާނެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުކަމުގެ ސަނަދު މިއަހަރު ހާސިލުކުރި ޙާފިޡުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދިނުންވެސް އޮންނާނެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ވަކިން ފާހަގަކުރަން ނިންމުމާއި ގުޅިގެން، ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކުލަވައިލާ ގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.