ކުޅިވަރު

އަގުއެރޯ އަށް ގޯލު ނުޖެހުމުން ގާޑިއޯލާ އަށް ގޯސްވީ ބޯޅަ!


އިނގިރޭސި ލީގު ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން މެންެޗެސްޓާ ސިޓީ މޮޅު މެޗުގައި ސާޖިއޯ އަގުއެރޯ އަށް ގޯލެއް ނުޖެހުނީ މެޗު ކުޅުނު ބޯޅަ ކަމުނުދާތީ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ބުނެފިއެވެ.

މި މެޗުގައި ގޯލެއް ޖެހުނުނަމަ އަގުއެރޯ ވެގެންދާނީ ސިޓީގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް. ނަމަވެސް އޭނާއާ ގޯލެއް ނުޖެހުމުން ގާޑިއޯލާ ބުނީ މެޗު ކުޅުނު ބޯޅައަކީ ވަރަށް ފެންވަރު ދެރަ ބޯޅައެއް ކަމަށެވެ. އެކަމުގެ ސަބަބުން އަގުއެރޯ އަށް އުނދަގޫވި ކަމަށް. ޕްރެމިއާ ލީގުގެ ފެންވަރު ރަނގަޅު ބޯޅައިން ކުޅެކުޅެފައި މި މެޗުގައި މާއަދައިގެ ބޯޅަައަކުން ކުޅެން ޖެހުމުން ގޯލެއް ޖެހުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށާއި ރަނގަޅު ބޯޅައަކުން ކުޅެފިނަމަ އަގުއެރޯ ރެކޯޑް ހަދަން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ރޭ ސިޓީ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މި ސީޒަނުގައި ބެންޗުގައި އިންނަ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯއެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅަށް ކުޅެ ދެ ޕެނަލްޓީ ވެސް ދިފާއުކޮށްފައެވެ.

ލީގު ކަޕުގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ލެސްޓާ ސިޓީ ވެސް ރޭ ވަނީ ކާމިޔާބު ހޯދައިފައެވެ.