ކުޅިވަރު

އިނިއެސްޓާގެ ނަޒަރުގައި އެންމެ މޮޅު 4 ކުޅުންތެރިންނަކީ ކޮބާ؟


ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ކޮބާކަން އޭނާ ބުނެދީފިއެވެ.

ސްޕޭނުގެ ކުޅުންތެރިން ނުލައި އިނިއެސްޓާ ނެގި އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރެއިން މޮޅު ގޯލްކީޕަރަކީ ޑެންމާކާއި މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޕީޓަ ޝުމައިކަލެވެ. އިނިއެސްޓާ ބުނީ އެނާ ކުޅެން ފަށައިގަތް އިރު ވެސް ޝުމައިކަލް އަކީ މޮޅު ކީޕަރެއް ކަމަށާއި ކުޑައިރު ޝުމައިކަލްގެ މޮޅު ކުޅުން ފެނިފައި އަންތަރީސްވާ ކަމަށެވެ.

ސްޕޭނަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ނަޒަރުގައ އެންމެ މޮޅު ޑިފެންޑަރަކީ އިޓަލީގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީއެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ މައިކަލް ލައުޑްރަޕެވެ. 

އިނިއެސްޓާ ބުނީ މި ދެ ކުޅުންތެރިންނަކީ ހުރިހާ ގޮތަކުން ވެސް މޮޅު ދެ ކުޅުންތެރިން ކަމަށާއި އެމީހުންގެ ކެރިއަރަށް އެކަނި ބަލިނަމަވެސް އިތުރަށް ސުވާލުވެސް ކުރަން ނުޖެހޭނެ ކަމަށެވެ.

އޭނާގެ ނަޒަރުގައި އެންމެ މޮޅު ފޯވަޑަކީ ބްރެޒިލްގެ ރޮނާލްޑޯއެވެ. އިނިއެސްޓާ ބުނީ 1996 ވަނަ އަހަރު އޭނާއާ ބާސެލޯނާއާއި ގުޅުނުއިރު އެޓީމުގައި ރޮނާލްޑޯ ހުރި ކަމަށާއި މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ރޮނާލްޑޯ އަކ ރޯލް މޮޑެލް އެއް ކަމަށެވެ.