ކުޅިވަރު

ފަސްޓްލޭޑީ ބަށިބޯލް ޗެލެންޖްގެ ފައިނަލް ބުރު މާދަމާ ފަށަނީ


ފަސްޓްލޭޑީ ބަށިބޯލް ޗެލެންޖްގެ ފައިނަލް ބުރު މާދަމާ ހަވީރު މާލޭގައި ފަށަން ޓީމްތައް މާލެ އަންނަން ފަށައިފިއެވެ.

 ހަތަރު ޒޯންގެ ޗެމްޕިއަން ޓީމާއެކު ފައިނަލް ބުރުގައި ސެމީފައިނަލް ދެމެޗާއި، ފައިނަލް މެޗުގެ އިތުރުން ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. ފައިނަލް ބުރު ކުޅެން މިއަދު މާލެ އައި ދެ ޓީމަކީ ނ.އަތޮޅާއި ޒޯން އެކެއްގެ ޗެމްޕިއަން މާފަރު ބަށި ޓީމާއި، ލ.އަތޮޅާއި ޒޯން ހަތަރެއްގެ ޗެމްޕިއަން ލ.ގަމު ބަށި ޓީމެވެ. 

މީގެއިތުރުން ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ދޭއްގެ ޗެމްޕިއަން ކ.މާފުށި ބަށި ޓީމާއި. ފ.އަތޮޅާއި ޒޯން ތިނެއްގެ ޗެމްޕިއަން ފީއަލި ބަށި ޓީމެވެ. މިދެޓީމް މާދަމާ މާލެ އަންނާނެއެވެ. ފައިނަލް ބުރަށް މިއަދު މާލެ އައި މާފަރު ޓީމްގެ ކެޕްޓަން ރުކުޝާނާ އާދަމް ބުނީ މިހިސާބަށްވެސް އައީ ގިނަ ޓީމްތަކެއް ބަލިކޮށްފަ ކަމަށާއި، މާލެ އައީ ތަށި ހިފައިގެން އެނބުރި ރަށަށް ދިއުމުގެ އުއްމީދުގައި، އެކަމަށް ތައްޔާރުވެގެންކަމަށެވެ. ލ.ގަމް ޓީމްގެ ކެޕްޓަން އައިޝަތު ލިއުޝާ ބުނީ މިހިސާބަށް ދަތުރުކުރީ ބުރަ މަސައްކަތުން ކަމަށާއި، އިރާދަކުރެއްވިޔާ މުބާރާތުގެ ތަށި ހޯދާނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/15088617637738.JPG|މާފަރު ބަށި ޓީމަށް މާލެއިނ މަރުހަބާ ކިޔަނީ: ފޮޓޯ-ޕީއެސްއެމް

" ވަރަށްގިނަ ޓީމްތައް ބަލިކޮށްފަ މިހިސާބަށްވެސް މިއައީ. އިރާދަކުރެއްވިޔާ ތަށި ހިފައިގެން ރަށަށްދާނީ. މިއަޒުމަކަށް ހިތްވަރަކަށް ބަދަލެއްނާދޭ " މާފަރު ޓީމްގެ ކެޕްޓަން މިއަދު މާލެ އައިސް ބުންޏެވެ.

" ބުރަ މަސައްކަތުން މިހިސާބަށް މިއައީ. ދެންވެސް މަސައްކަތްކުރާނަން ތަށި ހޯދަން. އެކަމަށް މިއައީ " ގަމު ޓީމްގެ ކެޕްޓަންވެސް ބުނީ ތަށީގެ އުއްމީދު ބޮޑުކަމަށެވެ.

މިމުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން، ރަށްތަކުގައި މެދުގައި މިއަރުގެ ފެބްރުއަރީ މަހު ފެށި މުބާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމަށް ބާއްވާ މުބާރާތުގެ ފައިނަލް މެޗު އަންނަ ހުކުރު ދުވަހުގެރޭ ކުޅޭނީ ރަސްމީ ސްޓޭޑިއަމްގައެވެ. ޓީވީއެމްއާއި ޔެސް ޓީވީން ވަގުތުން ދައްކާ އެމެޗާއެކު ކުލަގަދަ ރަސްމިއްޔާތެއްވެސް ބޭވުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ބަށި މުބާރާތެވެ.