ކުޅިވަރު

ޑްރީމް ޓީމްގައި ގިނައިން ރިއަލްމެޑްރިޑް ކުޅުންތެރިން


ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމު ބާސެލޯނާގެ ލިއެކޭ މާޓެންސް ހޯދައިފިއެވެ. ނަމަވެސް ލަންޑަނުގައި ރޭ ބޭއްވި ހަފުލާ އަށް އޭނާ ދެވޭގޮތްނުވިއެވެ. އެއީ އޭނާގެ ޤައުމު ނެދަލޭންޑްސް ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ތައްޔާރުވާން ޖެހުމުގެ ސަބަބުންނެވެ. އެހެންވެ މާޓެންސް އަށް އެވޯޑް ހަވާލުކޮށްދިނީ ނެދަލޭންޑްސްގެ ޕްރެކްޓިހަށްފަހު ޗޭންޖިން ރޫމުގައެވެ. ވީޑިއޯ މެދުވެރިކޮށް ހަފުލާގެ ހަޒިރީންނާ މުހާތަބްކޮށް 22 އަހަރުގެ ކުޅުންތެރިޔާ ބުނީ ހުރިހާ ޝުކުރެއް އޮތީ އޭނާގެ ޓީމުގެ ކުޅުންތެރިންނާއި އާއިލާ އަށް ކަމަށެވެ.

ފީފާއިން ރޭ ވަނީ ދުނިޔޭގެ ޑްރީމް ޓީމު ވެސް ހޮވާފައެވެ. ރެއާލް މެޑްރިޑުގެ ކުޅުންތެރިން ލީޑް ކުރިއިރު ޓީމުގެ ކީޕަރަކީ ޔުވެންޓަސް އާއި އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ބުފަންއެވެ. ޑިފެންޑަރުންނަކީ ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ރެއާލް މެޑްރިޑުގެ މާސެލޯ އާއި ޕީއެސްޖީގެ ޑެނީ އަލްވެޒްއެވެ. ދެން ތިބީ ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޔުވެންޓަސްގެ ލިއޮނާދޯ ބޮނޫޗީއެވެ. ޓީމުގެ މިޑްފީލްޑް ލައިނާއި ކުރީގައި މުޅިން ވެސް ހިމެނުނީ މިދިޔަ އަހަރު ސްޕޭން ލީގުގައި ކުޅުނު ކުޅުންތެރިންނެވެ. މެދަށް ރެއާލް މެޑްރިޑުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗާއި ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ހޮވުނުއިރު ފަހު ޖާގަ ލިބުނީ ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށެވެ. ފޯވްޑް ލައިނުގައި ތިބީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ލަޔޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާއެވެ.

އެންމެ މޮޅު ގޯލެއް ޖަހައިގެން ފީފާ ޕުސްކާސް އެވޯޑް ހޯދީ އާސެނަލްގެ ފްރާންސް ފޯވަޑް އޮލީވިއާ ޖީރޫޑްއެވެ.