ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ މަޤާމް ރޮނަލްޑޯ ދިފާއުކޮށްފި


ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދިފާއުކޮށްފިއެވެ.

ޕޯޗުގަލްގެ ކެޕްޓަން މިދިޔަ އަހަރު ހޯދި އެވޯޑް މި އަހަރު އޭނާ ހާސިލްކުރީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި، މިދިޔަ އަހަރު ބާސެލޯނާ އަށް ކުޅުމަށްފަހު ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާއާ ވާދަކޮށްގެންނެވެ.

ދުނިޔޭގެ ކެޕްޓަނުންނާއި، ކޯޗުން އަދި ނޫސްވެރިން ވޯޓުން ހޮވާ މަޤާމު ރޮނާލްޑޯ އަށް ލިބުނީ 43 ޕަސެންޓް ވޯޓާއެކުއެވެ. ދެ ވަނަ މެސީ އަށް ލިބުނީ 19 ޕަސެންޓް ވޯޓުންނެވެ. ނޭމާ އަށް ލިބުނީ ތިން ޕަސެންޓް ވޯޓެވެ.

ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ އަތުން އެވޯޑް ލިބިގަތުމަށްފަހު ރޮނާލްޑޯ ބުނީ އެވޯޑް ދިފާއު ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މެސީ އާއި ނޭމާ ރޭގެ ހަފުލާގައި ތިބިކަން ފާހަގަކުރާ ކަމަށާއި، ރެއާލް މެޑްރިޑުގެ އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ އަށް ވޯޓުދިން މީހުންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރޮނާލްޑޯ ވަނީ ހުސްވި ސީޒަނުގައި ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި 100 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދިއިރު، ޕޯޗުގަލް ޔޫރޯ ކާމިޔާބު ކުރީ ވެސް އޭނާގެ ބޮޑު ހިއްސާއަކާއެކުއެވެ.