ކުޅިވަރު

އައްޑޫގެ 5 ކުޅުންތެރިއަކަށް ފުރުސަތުދޭން އެފްއޭއެމުން ނިންމައިފި


އައްޑޫ ސިޓީން ފާހަގަކުރެވުނު ފަސް ކުޅުންތެރިން މާލެ ގެންގޮސް ޒުވާން ޓީމާއެކު ތަމްރީން ހޯދުމުގެ ފުރުޞަތު ދޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. 

"ޓު ވާރޑްސް ފިއުޗަރ " ޕްރޮޖެކްޓްގެ ދަށުން 19 އަހަރުން ދަށުގެ ޤައުމީ ޓީމް، އައްޑޫ ސިޓީގެ 19 އަހަރުން ދަށުގެ ޓީމާ އައްޑޫ ސިޓީގައި ވާދަކުރި މެޗަށްފަހު ބައްސާމް ވިދާޅުވީ މެޗު ނިމުމާއެކު ކޯޗު ސާންތީގެ ފަރާތުން ފަސް ކުޅުންތެރިއެއް ފާހަގަކޮށް އެފްއޭއެމްއަށް ހުށައަޅާފައިވާކަމަށެވެ. 

ބައްސާމް ވިދާޅުވީ އެއީ ޕްރޮޖެކްޓް ކާމިޔާބުވާނެކަމުގެ ހެއްކެއްކަމަށް. ފާހަގަކުރެވުނު ކުޅުންތެރިން މާލެ ގެންގޮސް މާލޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާ، ޒުވާން ޓީމާއެކު ތަމްރީން ހެދުމުގެ ފުރުޞަތުދޭނެކަމަށެވެ.

" މިއޮތީ މިކުދިންނަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިފަ. ހަމައެއެއާއެކު މިކަމުން އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު އެބަ ހާޞިލްވޭ. އެޓީމުގެ ފަސް ކުޅުންތެރިއަކަށް މިހާރުވެސް އަންޑަރ 19 ޓީމަށް އެރޭނެކަމުގެ ޔަޤީންކަން ލިބުމަކީ މަސައްކަތް ކާމިޔާބުވާނެކަމުގެ ހެއްކެއް. މިކުދިން މާލެ ގެންގޮސް ކިޔެވުމުގެކަންތައްތަކާއެކީގަ ޓްރެއިނިންގ ތަކަށް ޖޮއިންކުރެވޭ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ދެން ބައްޓަންކުރެވިގެންދާނީ " ބައްސާމް ފާހަގަކުރިއެވެ.