ކުޅިވަރު

ޓީމުތައް ޔޫރަޕް ފެންވަރުގައި، އިންތިޒާމްތައް ސުމެއް! - މޯހަން


އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ އަތޮޅުތެރޭގެ ޓީމުތަކުން މަސައްކަތް ކުރަން ޖެހިފައިވަނީ ޔޫރަޕް ފެންްވަރުގައި ކަމަށާއި ނަމަވެސް ލީގުގެ އިންތިޒާމުތައް ހުރީ ޔޫރަޕު ފެންވަރުގައި ނޫން ކަމަށް ދ. ކުޑަހުވަދޫ ޓީމުން ބުނެފިއެވެ.

ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގު ޝެޑިއުލަށް އެފްއޭއެމުން ހުސްވި ހަފުތާގައި ގެނެސްފައިވާ ބަދަލާއެކު ކޮންމެ ތިން ދުވަހަކު ނުވަތަ ހަތަރު ދުވަހަކު މެޗެއް ކުޅެން ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން އަބަދުވެސް ތިބެންޖެހޭނީ ދަތުރުކުރުމުގައި ކަމަށާއި ނަމަވެސް މިއީ އަތޮޅުތެރޭގެ ޓީމުތައް ވަރަށް އުނދަގޫ ގޮތެއް ކަމަށެވެ. މޯހަން ބުނީ ލީގު ފެށިއިރު އެފްއޭއެމުން ބުނެފައިވަނީ ހަފުތާ ބަންދުގައި މެޗުތައް ކުޅެން ކަމަށާއި އެގޮތަށް އޮތުމުން ވަރަށް ފަސޭހަ ކަމަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ޓީމުތަކަށް މެޗު ކުޅެން އުނދަގޫވާނެ ގޮތްތަކަށް ޝެޑިއުލް ބަދަލު ކުރަނީ ކޮން ބޭނުމެއްގައިކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މޯހަން ބުނީ ތިނެއް ނުވަތަ ހަތަރު ދުވަހުން މެޗުތައް ކުޅެނީ ޔޫރަޕުގެ ލީގުތަކުގައި ކަމަށާއި ނަމަވެސް އުރީދޫ ދިވެހި ޕްރެމިއާރ ލީގުގެ އިންތިޒާމްތައް ހުރީ އެފަދަ ފެންވަރެއްގައި ނޫން ކަމަށެވެ. މިކަމަށް މިސާލު ދައްކަމުން އޭނާ ބުނީ އިރުއިރުކޮޅާ ލީގު ޝެޑިއުލަށް ބަދަލު ގެންނަމުންދާ ކަމަށާއި މިއީ ހަރުދަނާ އުސޫލެއް ނެތުމުން ދިމާވާ ކަންތައްތައް ކަމަށެވެ.

"މީގަ އެއްވެސް ހަރުދަނާ އުސޫލެއް ނެތް، ދެ ދުވަހުން އެއް ދުވަހު މެޗު ކުޅެން މިހާރު އެ ނިންމީ، ދެން ޓީމްތަކަށް އަސްލު ވަރަށް ދަތި އުދަނގޫކަމެއް މިއީ" މޯހަން ބުންޏެވެ.

މޯހަންގެ އިތުރުން ލީގު ޝެޑިއުލަށް ބަދަލު ގެނައުމުން މާޒިޔާގެ ކޯޗު މަރްޔާން ސްކުލޯސްކީ ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ މި ސީޒަނުގައި 10 ފަހަރު މަތިން މިހާރު ލީގު ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށާއި މީގެ ސަބަބުން ވަރަށް ބޮދެތި ދަތިތަކާ ޓީމުތަކުން ކުރިމަތިލާން ޖެހޭ ކަމަށެވެ.